ޔޫރޯ މުބާރާތުގެ ގަދަ 16 ވަނަ ބުރަށް މިހާރު އާދެވިފައިވާ އިރު ގަދަ 16 ގެ ފުރަތަމަ މެޗަށް ބަލާއިރު ފުރަތަމަ މެޗުގައި ވާދަ ކުރާނީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ގުރޫޕު ސްޓޭޖުގެ އެއްވެސް މެޗަކުން ބަލި ނުވެ ގަދަ 16 އިން ޖާގަ ހޯދި ސްވިޒަލޭންޑެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ މިދިޔަ ޔޫރޯގައި ވެސް މި ދެ ޓީމު ބައްދަލު ކޮށްފައިވާ ކަމެވެ. އެފަހަރުގެ މެޗު އިޓަލީ އިން ކާމިޔާބު ކުރީ 3-0 އިންނެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި ސްވިޒަލޭންޑުން ދައްކަމުން އަންނަނީ މޮޅު ކުޅުމެކެވެ. އެހެންކަމުން އެ ނަތީޖާ ނެރެން މިފަހަރު އިޓަލީ އަށް އުނދަގޫ ވާނެއެވެ.

ދެ ޓީމު ފުރަތަމަ 11 ކުޅުންތެރިން؛

އިޓަލީ: ޑޮނަރުމާ، ޑި ލޮރެންޒޯ، މަންޗިނީ، ބަސްޓޯނީ، ޑާމިއަން، ބަރެއްލާ، ފަގިއޮލީ، ކްރިސްޓަންޓޭ، ކިއޭސާ، ސްކަމާ، އެލް ޝަރަވީ

ސްވިޒަލޭންޑް: ސޮމާ، ފަބިއަން ޝާ، އަކަންޖީ، ރޮޑްރިގޭޒް، ސްޓާޖިއޯ، ޒަކާ، ފްރިއުލާ، އައެބިޝާ، އެންޑޯޔޭ، އެމްބޯލޯ، ވާގަސް

އިޓަލީ އަދި ސްވިޒަލޭންޑް ބައްދަލު ކުރި މެޗެއްގެ ތެރެއިން

މި މެޗަށް ނިކުންނައިރު ދެ ޓީމުގައިވެސް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭ ބައެއް ކުޅުންތެރިން ހިމެނެއެވެ. އެގޮތުން އިޓަލީގެ ކަލަފިއޮރީ ވަނީ ސަސްޕެންޑް ވެފައެވެ. އަދި ސްވިޒަލޭންޑުގެ ވަޑްމާ ވަނީ ސަސްޕެންޑް ވެފައެވެ. މީގެ އިތުރުން އިޓަލީގެ ޕެލެގްރީނީ އާއި ފަގިއޮލީ އާއި ކްރިސްޓިއަންޓޭ އަދި ކީޕަރު ޑޮނަރުމާ އަށް ވަނީ އެއް ކާޑު ދައްކާފައެވެ. އެހެން ކަމުން މި މެޗުގައި އިތުރު ކާޑެއް ދައްކައިފިނަމަ މި ކުޅުންތެރިންނަށް ދެން އޮތް ބުރުގައި ނުކުޅެވޭނެއެވެ. އަދި ސްވިޒަލޭންޑުގެ ފްރިއުލާ، އެންޑޯޔޭ، ރޮޑްރިގޭޒް، ސިއެރޯ އަދި ޒަކާ ވެސް މި ލިސްޓުގައި ހިމެނެއެވެ.

މެޗާއި ގުޅޭ ގޮތުން އިޓަލީގެ ކޯޗު ބުނީ މި ފަހަރު ދިމާވެފައި މިއޮތީ ވަރުގަދަ ޓީމަކާއި ކަމަށާއި އިޓަލީ އަށް އަދި އެމީހުންގެ ކުޅުން ދެއްކިފައި ނުވާ ކަމަށެވެ. އަދި ދެން އޮތް ބުރަށް އިޓަލީ ދާން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށާއި އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް މަސައްކަތް ކުރާނެކަމަށެވެ.

ސްވިޒަލޭންޑުގެ ކޯޗު ވާހަކަ ދައްކަމުން ބުނެފައިވަނީ އަހަރަކަށް ވުރެ އަހަރެއް ސްވިސް ޓީމުން ނެރެމުން އަންނަ ނަތީޖާ އަންނަނީ ރަނގަޅު ވަމުން ކަމަށާއި މުބާރާތުގެ މި ހިސާބަށް އާދެވިފައި މި ވަނީ ވަރަށް މަސައްކަތުން ކަމަށް އޭނާ ބުންޏެވެ. އަދި އިޓަލީ މެޗު ފަސޭހަ ނުވާނެ ކަމަށާއި މެޗަށް ނިކުންނާނީ އެވަރު ދެނެގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އިޓަލީ އަދި ސްވިޒަލޭންޑު ބައްދަލު ކުރާ މެޗު އޮންނާނީ މިރޭ 21:00 ގައެވެ. މި މެޗު ކުޅެވޭނީ ޖަރުމަނުގެ އޮލިމްޕިއަސްޓާޑިއޮން ސްޓޭޑިއަމުގައެވެ.