ބޫޓާންގައި މިހާރު ކުރިއަށްދާ ސާފް 18 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އިންޑިއާ އަތުންވެސް ބަލިވެއްޖެއެވެ.

މިއަދުގެ މެޗަށް ނުކުތްއިރުވެސް ސެމީއަށް ދިއުމަށް ރާއްޖެއަށް އޮތީ ހަނި ފުރުސަތެކެވެ. އެއީ ފުރަތަމަ މެޗުގައި ބޫޓާން އަތުން 13-0ގެ ނަތީއަކުން ބަލިވެ، ޕޮއިންޓެއް ނުލިބި އޮތުމުންނެވެ.

ބޫޓާންގެ ތިމްޕޫގެ ޗަންގިލިމިތާންގް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 8-0 ގެ ނަތީޖާއަކުންނެވެ.

ކުރީ ދުވަހުގެ މެޗާ އަޅާ ބަލާއިރު، ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ކަންތައްތައް ރަނގަޅުކުރިކަން މިއަދުގެ މެޗުގައި ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް އިންޑިއާ ފަދަ ވަރުގަދަ ގައުމަކާ ދެކޮޅަށް ކުޅުނު އިރު، ސްކޯގެ ފަރަގު ކުޑަކުރުމަށް ރާއްޖޭގެ ޓީމުން ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފައިވެއެވެ.

މިއަދު އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ތެރެއިން---

މި ފަހަރުގެ މުބާރާތަކީ ސަރަހައްދީ ލެވެލްގައި ރާއްޖޭގެ 18 އަހަރުން ދަށުގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މުބާރާތެވެ. އެ މުބާރާތަށް ޓީމު ދިޔައީ ބައިނަލްއަގުވާމީ އެއްވެސް ތަޖުރިބާއެއް ނެތިއެވެ.

މިއަހަރުގެ މުބާރާތަކީ ސާފްއިން އިސްނަގައިގެން ބާއްވާ 18 އަހަރުން ދަށުގެ އަންހެން ފުރަތަމަ މުބާރާތެވެ. ބޫޓާންގައި ކުރިއަށްދާ މުބާރާތުގައި ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. އެ ގްރޫޕްގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑިއާއާއި މުބާރާތް ބާއްވާ ގައުމު ބޫޓާނެވެ. ގްރޫޕް ބީގައި ހިމެނެނީ ޕާކިސްތާނާއި، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްއެވެ.

މިއަދުގެ މެޗުން މޮޅުވެ އިންޑިއާއިން ވަނީ ގްރޫޕްގެ އެއްވަނަ ހޯދައިފައެވެ. ދެވަނަ ލިބެނީ ބޫޓާނަށެވެ. ގްރޫޕް ބީއިން ޕާކިސްތާން ކަޓާފައިވާ އިރު، އެއްވަނަ ޔަގީން ވާނީ މިރޭ ބަންގްލަދޭޝްއާއި ނޭޕާލް ކުޅޭ މެޗުންނެވެ.