މޮނާކޯގެ ކޯޗުކަމުގެ މަގާމަށް އާސެނަލް އާއި ބާސެލޯނާ އަށް ކުރިން ކުޅުނު ފްރާންސްގެ ފޯވާޑް ތިއެރީ އޮންރީ ގެންނަން އުޅޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މޮނާކޯގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރީ ލިއަނާޑޯ ޖާޑިމް ކަމަށްވާއިރު، މި ސީޒަނުގައި މޮނާކޯ އިން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ މަގާމުން ވަކި ކުރަން މޮނާކޯ އިން ތައްޔާރުވަމުން އަންނަ ކަމަށް ފްރާންސްގެ މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ފްރެންޗް ލީގުގައި ނުވަ މެޗު ކުޅެ ނިމުނުއިރު މޮނާކޯ އޮތީ ހަ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

ޖާޑިމް އަށްފަހު މޮނާކޯ އިން އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް ގެންނަން ޝައުގުވެރިވާ ފަރާތްތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އޮންރީ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މިކަމާ ގުޅޭގޮތުން މޮނާކޯ އިން އޮންރީއާއެކު މަޝްވަރާތަކެއް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އޮންރީ އަކީ މީގެކުރިން މޮނާކޯއަށް ކުޅެ އެ ކްލަބާއެކު ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައިވާ ފަރާތެކެވެ.

މޮނާކޯގެ އިތުރުން އޮންރީ ގެންނަން އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެސްޓަންވިލާ އިން ވެސް ޝައުގުވެރިވެއެވެ. އޮންރީ މިވަގުތު ހުރީ ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓެންޓު ކޯޗުގެ މަގާމުގައެވެ. ބެލްޖިއަމްގެ ގައުމީ ޓީމުން ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދާފައެވެ.