އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެސްޓަންވިލާގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމަށް، ޗެލްސީގެ ލެެޖެންޑް ޖޯން ޓެރީ ހަމަޖައްސައިފިއެވެ.

އިންގްލޭންޑުގެ ކެޕްޓަންކަން ވެސް މީގެކުރިން ކޮށްފައިވާ އުމުރުން 37 އަހަރުގެ ޓެރީ ވަނީ މިދިޔަ އާދީއްތަ ދުވަހު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ.

އެސްޓަންވިލާގެ އެސިސްޓެންޓް ކޯޗުކަމުގެ މަގާމަށް ޓެރީ ހަމަޖެއްސިއިރު އޭނާ އެންމެފަހުން ކުޅުނު ކްލަބަކީ ވެސް އެސްޓަންވިލާއެވެ. ޓެރީ ވަނީ މިދިޔަ ސީޒަނުގައި އެސްޓަންވިލާ އަށް ކުޅެ އެ ކްލަބުގެ ކެޕްޓަންކަމުގެ މަގާމުވެސް އަދާކޮށް އެ ކްލަބުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޓެރީ އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފައިވަނީ ޗެލްސީގައެވެ. އެގޮތުން ޓެރީ ވަނީ އެ ކްލަބަށް 700 އަށްވުރެ ގިނަ މެޗު ކުޅެދީ ފަސް ފަހަރު ޕްރިމިއާ ލީގު، ފަސް ފަހަރު އެފްއޭކަޕް އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ.

އެސްޓަންވިލާގެ އެސިސްޓެންޓް ކޯޗަކަށް ޓެރީ ހަމަޖެއްސިއިރު، އެ ކްލަބުން ރޭ ވަނީ ހުސްވެފައިވާ އެ ކްލަބުގެ ކޯޗުކަމުގެ މަގާމަށް ޑީން ސްމިތް ހަމަޖައްސާފައެވެ. އެސްޓަންވިލާގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ސްޓީވް ބްރޫސް މިދިޔަ ބުދަ ދުވަހު ވަކި ކުރުމާ ގުޅިގެންނެވެ.

އެސްޓަންވިލާގެ ކޯޗަކަށް ތިއެރީ އޮންރީ ގެންނަން ވެސް އެ ކްލަބުން މަސައްކަތް ކުރިއެވެ. ނަމަވެސް އެސްޓަންވިލާގެ ހުށަހެޅުމަށް އޮންރީ ނޫނެކޭ ބުނެފައިވާއިރު އޭނާ މިހާރު ބަދަލުވުން އެންމެ ގާތީ ފްރާންސްގެ މޮނާކޯ އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.