ފުލަމްގެ ކޯޗު ކަމުގެ މަގާމަށް ކްލައުޑިއޯ ރަނިއޭރީ ހަމަޖައްސައިފިއެވެ.

ފުލަމްގެ ކޯޗަކަށް ރަނިއޭރީ ހަމަޖެއްސީ އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރި ސްލަވިސާ ޖޮކަނޮވިޗް ވަކި ކުރުމަށްފަހުއެވެ. ޖޮކޮނޮވިޗް މަގާމުން ވަކި ކުރިއިރު ފުލަމް މިވަގުތު އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ ފުލުގައެވެ.

ގިނަ ބަޔަކު ސިއްސުވާލުމަށްފަހު ލެސްޓަ ސިޓީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ރަނިއޭރީ އެންމެފަހުން މަސައްކަތް ކުރީ ފްރާންސްގެ ނޭންޓްސްއަށެވެ. ނަމަވެސް އެ ކްލަބުގައި އެންމެ ސީޒަނެއް ހޭދަކުރުމަށްފަހު ރަނިއޭރީ ވަނީ އެ މަގާމުން އިސްތިއުފާ ދީފައެވެ.

ފުލަމްގެ ކޯޗުކަމާ ހަވާލުވުމަށްފަހު އިޓަލީ އަށް އުފަން ރަނިއޭރީ ބުނީ ފުލަމް ކަހަލަ ކްލަބަކަށް ކޯޗުކޮށްދޭން ފުރުސަތު ލިބުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. ފުލަމްގެ ހަމައެކަނި އަމާޒަކަށް ވާންޖެހޭނީ ރެލިގޭޝަނުން ސަލާމަތްވުން ނޫން ކަމަށާއި އެހެން ޓީމުތަކަށް ކުޅެން އުނދަގޫ ޓީމަކަށްވެސް ފުލަމް ވާންޖެހޭނެ ކަމަށް ރަނިއޭރީ ބުންޏެވެ.

"ލީގުގެ ކޮންމެ މަގާމެއްގައި އޮތަސް ފުލަމްގައި މިއޮތީ ވަރަށް ހުނަރުވެރި ސްކޮޑެއް. ރަނގަޅު ފެންވަރުގެ ކުޅުމެއް ދެއްކޭނެ ފެންވަރު ފުލަމްގެ ކުޅުންތެރިންގެ ގައިގައި އެބަހުރި. ސަޕޯޓަރުންގެ އެހީވެސް މިކަމުގައި އަހަރުމެންނަށް ބޭނުންވޭ" ކުރިން ޗެލްސީ އަށް ވެސް ކޯޗުކޮށްދިން ރަނިއޭރީ ބުންޏެވެ.

ރަނިއޭރީގެ އިރުޝާދުގެ ދަށުން ފުލަމް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ނިކުންނާނީ ސައުތްހެމްޓަން އާއި ދެކޮޅަށެވެ. އެއަށްފަހު ޗެލްސީ އާއި ބައްދަލުކުރަން ޖެހޭއިރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފުލަމް ނިކުންނާނީ ރަނިއޭރީގެ ކުރީގެ ކްލަބު ކަމަށްވާ ލެސްޓަ ސިޓީ އާއި ދެކޮޅަށެވެ.