ކ. ތުލުސްދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ފުޓްސަލް ފިއެސްޓާގެ ގުރުއަތުލުން އަންނަ ހަފްތާގައި ބޭއްވިވުމަށް ތާވަލުކޮށްފިއެވެ.

ތުލުސްދޫގެ ސީޒަން ޕެރަޑައިޒް ގެސްޓް ހައުސްގައި ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިއަދާ ހަމައަށް މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެފައިވެއެވެ. އަދި އިތުރަށް މުބާރާތުގައި ބައިވެރިވުމަށް ވަގުތު އޮތް އިރު، މުބާރާތް އިންތިޒާމް ކުރާ ޖަމިއްޔާއިން އެދެނީ އިތުރު ޓީމުތަކެއް މުބާރާތުގައި ބައިވެރިވުމަށެވެ.

މުބާރާތުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މުބާރާތް އިންތިޒާމް ކުރާ މިއެޓްއިން ބުނެފައިވާ އިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ކޮކާ ކޯލާ ހަމަޖެއްސުމަށް މަސައްކަތް ކުރާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އޭގެ އިތުރުންވެސް މުބާރާތުގެ ތައްޔާރީތަކުގައި ރަށުގެ ކައުންސިލުން ދެއްވާ އެއްބާރުލުންވެސް މިއެޓް ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މިއެޓްއިން ބުނެފައި ވަނީ މިއަހަރުގެ މުބާރާތުގައިވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ފެނިގެންދާނެ ކަމަށާއި، މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ފުޓުބޯޅައިގެ ލެޖެންޑް، އަލީ އަޝްފާގު (ދަގަނޑޭ) ގެންދިއުމަށްވެސް މަސައްކަތް ކުރާ ކަމަށްވެސް މުބާރާތް ބާއްވާ މިއެޓުން ބުނެފައިވެއެވެ.

މިއަހަރުގެ މިއެޓް ފުޓްސަލް ފިއެސްޓާ ހުވާލެވިފައި ވަނީ ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި އެ ދާއިރާގެ ރިސޯޓު ތަކަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑައަޅާފައި ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އަދި މުބާރާތުގައި 20 ޓީމަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިއެޓް ފުޓްސަލް ފިއެސްޓާ އޮންނާނީ އަންނަ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު