ކ. ތުލުސްދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ފުޓްސަލް ފިއެސްޓާގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފޯރި ގަދަވެއްޖެއެވެ.

ޖުމްލަ ހަތް ޓީމަކާއެކު މިއަހަރު ކުރިއަށްދާ މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް ބީގައި ތިން ޓީމެވެ.

ގްރޫޕްގައި ކޮންމެ ޓީމަކުންވެސް ދެ މެޗު ކުޅެފައިވާ އިރު، މިވަގުތު އެއްވަނައިގައި އޮތީ ދެ މެޗުވެސް ކާމިޔާބުކުރި ހިންމަފުށީ ފުޓްސަލް ޓީމެވެ. ދެވަނައިގައި ކުޅުނު ދެ މެޗުން ތިން ޕޮއިންޓާއެކު އެޕޮކަލިޕްސް އޮތް އިރު، ތިންވަނައިގައި އޮތް ކަންމަތި އެފްސީއަށްވެސް ތިން ޕޮއިންޓް ލިބިފައިވެއެވެ.

އެ ގްރޫޕުން އެއްވެސް ޓީމަކަށް ސެމީ ޔަގީން ވެފައި ނުވާ އިރު، ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް މެޗެވެ.

ގްރޫޕްގައި ބޮޅު ކޮމިއުނިޓީން ދެ މެޗު ކުޅެ، ދެ މެޗުވެސް އެއްވަރު ވެގެން ނިމުނު އިރު، އެ ގްރޫޕްގައި ބަލެކް އީގަލްސްއާއި އެފްސީ ޓްރައިބަށް ބާކީ އެއް މެޗު އަދި އެބައޮތެވެ. އެ ދެ ޓީމަށްވެސް ފުރަތަމަ މެޗުން ޕޮއިންޓެއް ލިބިފައިވާ އިރު، ސެމީއަށްދާ ޓީމު އެނގޭނީ ފަހު މެޗުންނެވެ.

މިދިޔަ ޑިސެންބަރު އެއްވަނަ ދުވަހު މުބާރާތް ފަށާފައިވާ އިރު، މިއަހަރުގެ މިއެޓް ފުޓްސަލް ފިއެސްޓާ ހުވާލެވިފައި ވަނީ ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި އެ ދާއިރާގެ ރިސޯޓު ތަކަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑައަޅާފައި ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ކިޔުންތެރިންގެ ހިޔާލު