ބެލޮންޑިއޯ ލިސްޓްގެ ފަސްވަނައިގައި، ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެތުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، އެއީ ބޮޑު ޖޯކެއް ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

އިއްޔެ އިއުލާން ކުރި ބެލޮންޑިއޯ ލިސްޓްގެ ފަސްވަނައިގައި މެސީ އޮތް އިރު، މިފަހަރުގެ އެވޯޑު ލިބިފައި ވަނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗަށެވެ. އޭނާ ވެފައި ވަނީ މިދިޔަ 10 އަހަރު ތެރޭގައި، ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެސީ ހޯދަމުން އައި ބެލޮންޑިއޯތަކުގެ ނިމުން ގެނުވި ކުޅުންތެރިޔާއަށެވެ.

ބެލޮންޑިއޯ ލިސްޓްގެ ދެވަނައިގައި ރޮނާލްޑޯ އޮތް އިރު، ތިންވަނަ ލިބެނޭ އެންޓޮއިން ގްރީޒްމަންއަށެވެ. ހަތަރުވަނަ ކިލިއަން އެމްބާޕޭއަށް ލިބުނު އިރު، މެސީ ދިޔައީ ފަސްވަނައަށެވެ.

" މޮޑްރިޗަށް ބެލޮންޑިއޯ ލިބުމުން އެކަމަށް މަރުހަބާ ކިޔަން. އެކަމަކު މެސީ ފަސްވަނައިގައި އޮތުމަކީ ބޮޑު ޖޯކެއް. އެހެންވީމަ އެވޯޑުގެ ސައްހަކަމާ މެދު ވާހަކަ ދައްކާކަށް ނެތިން،" ބާސާގެ ކޯޗު ވަލްވާޑޭ ބުންޏެވެ.

މިދިޔަ ސީޒަންގައި މެސީ ވަނީ ރެކޯޑު ފަސްވަނަ ފަހަރަށް ޔޫރަޕްގެ ރަން ބޫޓު ހޯދާފައެވެ. އޭނާ ވަނީ ބާސާއާއެކު 34 ގޯލް ޖަހައި، ލަލީގާ އަދި ކޮޕާ ޑެލްރޭ އުފުލާލައިފައެވެ. އަދި މި އަހަރަކީ 2006 ވަނަ އަހަރަށްފަހު ބެލޮންޑިއޯގެ ގަދަ ތިނަކުން މެސީއަށް ޖާގަ ގެއްލުނު ފުރަތަމަ ފަހަރެވެ.