އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޗެލްސީ ވާދަކުރި މެޗު 2-0ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކުރި އިރު، ރޭގެ މެޗަކީ މި ސީޒަންގެ ލީގުގައި ސިޓީ ބަލިވި ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި ޗެލްސީން ކައުންޓާ އެޓޭކިން ޓެކްޓިކްސްއަކަށް ކުޅުނު އިރު، ސިޓީން ކުޅުނު ޕާސިން ގޭމް މަސައްކަތެއް ނުކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފައި ވަނީ ސިޓީ ބަލިކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، ސިޓީއަކީ އާދައިގެ ކްލަބެއް ނޫން ކަމަށެވެ. އަދި ސިޓީއަކީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ މޮޅު ކްލަބުގެ ގޮތުގައިވެސް ސާރީ ސިފަކުރިއެވެ.

"ރޭގެ މެޗާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ފަސޭހަކަމެއް ނޫން ސިޓީ ބަލިކުރުމަކީ. ހާއްސަކޮށް ގާޑިއޯލާއެކު ސިޓީއަކީ މިވަގުތު ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމު،" ސާރީ ބުންޏެވެ.

ސާރީ ބުނެފައި ވަނީ މެޗުގެ ދެވަނަ ހާފްގައި ޗެލްސީއަށް ކުޅެން އުނދަގޫވި ނަމަވެސް، ފަހުވަގުތު ގޯލެއް ޖެހުމުން ލިބުނު ހިތްވަރާއެކު ދެވަނަ ހާފްގައި ވަރަށް ރަނގަޅަށް ޗެލްސީން ކުޅުނު ކަމަށެވެ. އަދި އޭގެ އަސްލަކީ ޓީމުގެ ރޫހު، މެންޓާލިޓީ ރަނގަޅުވުން ކަމަށްވެސް ސާރީ ފާހަގަކުރިއެވެ.

"މެޗުގެ ފަހު ހާފްގައި ކުޅުނު ކުޅުން ދަމަހައްޓަން އެބަ ޖެހޭ. ކުޅުންތެރިންގެ ރޫޫހު، މެންޓާލިޓީ ވަރަށް ރަނގަޅު. އެގޮތަށް ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރަން،" ސާރީ ބުންޏެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ފުޓުބޯޅައިގެ އެންމެ މަތީ ފަންތިއަކީ މިއީ ކަމަށާއި، އޭގެ ހަގީގަތް ރޭގެ މެޗުން ފެނިގެން ދިޔަ ކަމަށެވެ. އެގޮތުން އިދިކޮޅަށް ނުކުންނަ ޓީމުތަކުގެ ކޮލިޓީ ރަނގަޅުކަން ދައްކާ ދެނީ ލިބޭ މަދު ފުރުސަތުގައި ގޯލް ޖެހުމުން ކަމަށްވެސް ގާޑިއޯލާ ބުންޏެވެ.

ސިޓީއާއެކު މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުވެސް ގާޑިއޯ އުފުލާލައިފައިވާ އިރު، މި ސީޒަނަށް އޭނާއަށް އޮތް އެންމެ ބޮޑު މަސައްކަތަކަށް ވާނީ ޗެމްޕިއަންސް ލީގެވެ. ސިޓީގެ ތާރީހުގައިވެސް މިހާތަނަށް ޗެމްޕިއަންސް ލީގު ނެގިފައެއް ނުވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު