ޕްރޮފެޝަނަލް ފުޓުބޯޅަ ކެރިއަރެއް ބިނާކުރުމަށް ޑިސިޕްލިން ކޮންމެހެންވެސް މުހިއްމެވެ. މިހާތަނަށް ދުނިޔެ ދުތް އެންމެ ކާމިޔާބު ކުޅުންތެރިންގެވެސް ސިއްރަކީ، ޑިސިޕްލިންނާ، ބުރަ މަސައްކަތެވެ. ހާއްސަކޮށް އެކަކު އަނެކަކަށް ދެވޭ އިހުތިރާމެވެ.

ފްރާންސްގައި އުފެދުނު އެންމެ ކާމިޔާބު އެއް ފޯވަޑް، ތިއަރީ އޮންރީގެ ފުޓުބޯޅަ ކެރިއަރު ކުޅުންތެރިއެއްގެ ގޮތުގައި ނިންމާލީ އެތަކެއް ކާމިބީތަކަކާއެކުގައެވެ. ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މާގަމުން ފެށިގެން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވެސް އޭނާ ވާދަކުރިއެވެ. ރަންބޫޓުތަކުން ޓްރޮފީ ކެބްނެޓް ފުރާލި އިރު، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ފްރާންސާއެކު އޮންރީ ވަނީ އުފުލާލައިފައެވެ.

ކާމިޔާބު ފުޓުބޯޅަ ކެރިއަރަށްފަހު އޮންރީ ނުކުތީ ޓީވީ އެނަލިސްޓެއްގެ ގޮތުގައެވެ. އެކަންތަކުގެ ތެރެއިން އޭނާ ދިޔައީ ކޯޗިންގެ ތެރެއަށްވެސް ނުކުންނަމުންނެވެ. އެގޮތުން މި އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ވެގެންދިޔައީ އޮންރީގެ ކޯޗިން ކެރިއަރުގެ ބޮޑު ކާމިޔާބަކަށެވެ.

އެގޮތުން ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އޮންރީ ވަނީ، އެގައުމަށް ވޯލްޑް ކަޕްގެ ލޯ މެޑަލް ހޯދައިދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފައެވެ. ވޯލްޑް ކަޕަށްފަހު ކްލަބު ފުޓުބޯޅަ މެނޭޖު ކުރުމަށް އޮންރީގެ ދަތުރު ފެށިއެވެ. އަމިއްލަ ގައުމުގައި، އޭނާ ކުޅެފައިވާ ކްލަބު، މޮނާކޯއާ ހަވާލުވިއެވެ.

މޮނާކޯއާއެކު އޮންރީއަށް މިހާރު މިއީ އުނދަގޫ ދުވަސްތަކެކެވެ. ލީގު ތާވަލުގެ ފުލުން މޮނާކޯ އަރަން މަސައްކަތް ކުރާ އިރު، އޮންރީ ބުނަމުން އަންނަނީ ރަނގަޅު، ޒުވާން ފުޓުބޯޅަ ޖީލެއް ބިނާ ކުރަމުން ދާ ކަމަށެވެ. އެކަން ބައެއް މަންޒަރުތަކުން ފެންނަންވެސް ފެނެއެވެ.

ދާދިފަހުން މޮނާކޯގެ ފަރާތުން އޮންރީ ދިޔަ ޕްރެސްއަށް އޭނާ ގެންދިޔަ ކުޅުންތެރިޔަކީ 17 އަހަރުގެ ޑިފެންޑަރު ބެނޮއިޓް ބަޑިއަޝީލޭއެވެ. ޕްރެސް ނިންމާލުމަށްފަހު އޮންރީއާއި ބަޑިއަޝީލޭވެސް ތެދުވެގެން ދާން ހިނގައިގަތެވެ. އޮންރީ ދިޔައީ އިށީންދެގެން އިން ގޮނޑި، މޭޒާ ކާރިކޮށްލުމަށްފަހުގައެވެ. އެހެން ނަމަވެސް އޭނާގެ ޒުވާން ޑިފެންޑަރު ބަޑިއަޝީލޭ އެކަން އެގޮތަށް ނުކުރުމުން އޮންރީ ހިތްހަމަ ނުޖެހުނެވެ.

ވީޑިއޯގައި ފެންނަ ގޮތުން އެކަމާ ހިތްހަމަ ނުޖެހި އޮންރީ ޑިފެންޑަރާ ދިމާއަށް ކަޅި އަޅާލުމުން އެ ޑިފެންޑަރު ވަނީ ފަހުން އައިސް ގޮނޑި ރީތިކޮށް މޭޒާ ކައިރިކޮށްލާފައެވެ.

އޮންރީއަށް މޮނާކޯއާއެކު އެންމެ އެދެވޭ ނަތީޖާތައް ނުނެރެވި އޮތް ނަމަވެސް، އޭނާގެ ޑިސިޕްލިނަރީ ސްޓޭންޑާއި، ކުޅުންތެރިންނަށް އޭނާ ގެންނަން ބޭނުންވާ އަހުލާގީ ބަދަލުތައް އެ މަންޒަރުން ސާފުވެއެވެ.

ކިޔުންތެރިންގެ ހިޔާލު