ބީބީސީން ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، އަނެއްކާވެސް ލިވަޕޫލްގެ މުހައްމަދު ސަލާހް ހޯދައިފިއެވެ.

މިދިޔަ އަހަރުވެސް އޭނާ އެ އެވޯޑު ހޯދާފައިވާ އިރު، މިފަހަރުގެ އެވޯޑަށް ސަލާހާއެކު ވާދަކޮށްފައި ވަނީ މެދީ ބެނާޝިއާގެ އިތުރުން ނަޕޯލީގެ ޑިފެންޑަރު ކަލިޑޫ ކޮލޮބޮލީ އަދި ލިވަޕޫލްގެ ސަޑިއޯ މާނޭއެވެ.

މިދިޔަ ސީޒަނަކީ ސަލާހްގެ ކެރިއަރުގައިވެސް އޭނާއަށް އެންމެ ކާމިޔާބު އެއް ސީޒަނެވެ. ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އެނާއަށް ލިބުނު އިރު، އޭނާ ވަނީ 52 މެޗުން 44 ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

ރޭގެ އެވޯޑާއެކު ސަލާހް ބުނެފައި ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ ލިބުނު އުފަލެއް ކަމަށާއި، އަދިވެސް އެވޯޑަށް ވާދަކުރަން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ލިވަޕޫލާއެކު މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ސަލާހް ދަތުރުކޮށްފައިވާ އިރު، އޭނާ ވަނީ 1990 ވަނަ އަހަރަށްފަހު މިސްރުން ފުރަތަމަ ފަހަރަށް ވޯލްޑް ކުޅުމުގައިވެސް މުހިއްމު ރޯލެއް އަދާކޮށްފައެވެ. އެގޮތުން އޭނާ ވަނީ ކޮލިފިކޭޝަންގެ އެންމެ ފަހު މެޗުގައި މިސްރަށް ދެ ގޯލް ޖަހައިދީ، ވޯލްޑް ކަޕަށް ގެންގޮސްދީފައެވެ.

ސަލާހް ބުނެފައި ވަނީ މިދިޔަ ސީޒަނުގައި އޭނާއަށް ވަރަށް ހާއްސަ ވަގުތުތަކެއް އެބަހުރި ކަމަށާއި، އަބަދުވެސް އުންމީދަކީ ކްލަބާއި، ގައުމީ ޓީމާއެކުވެސް މުހިއްމު ކާމިޔާބީތައް ކަމަށެވެ.

މިފަހަރު ބީބީސީން ހުޅުވާލީ ޕޯލަށް ރެކޯޑު 650،000 ވޯޓު ލިބިފައިވާ އިރު، ސަލާހް ވެފައި ވަނީ ނައިޖީރިޔާގެ ޖޭޖޭ އޮކޯޗާގެ ފަހުން އެ އެވޯޑު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މީގެ ކުރިން ޗެލްސީއާއި އޭއެސް ރޯމާއަށްވެސް ކުޅެފައިވާ ސަލާހަކީ ބީބީސީ އެފްރިކަން ޕްލޭޔާ އޮފް ދަ އިޔާގެ މަގާމު ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ އެވޯޑު ހޯދި މިސްރުގެ ކުޅުންތެރިންނަކީ 2005 ވަނަ އަހަރު އެ އެވޯޑު ހޯދި މުހައްމަދު ބަރަކާތާއި 2008 ވަނަ އެވޯޑު ހޯދި މުހައްމަދު އަބޫތުރިކާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތިމަތު

    އަލްހަމްދުލިއްލާހް!