ކޮޕާ ލިބަޓަޑޯސްގެ ފައިނަލުން ބަލިވިތާ ހަފްތާއެއްވެސް ނުވަނީސް، ބޮކަ ޖޫނިއާސްގެ ކޯޗު ގުއިލާމޯ ބަރޯސް ޝެލޯޓޯ އިސްތިއުފާ ދީފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ކުޅުނު ކޮޕާ ލިބަޓަޑޯސްގެ ފައިނަލްގެ ދެވަނަ ބުރުން ބޮކަ ޖޫނިއާސްގެ އެންމެ ވާދަވެރި ކްލަބު، ރިވާ ޕްލޭޓް އަތުން ބަލިވީ އެގްރިގޭޓް 5-3ގެ ނަތީޖާއާކުންނެވެ.

ފައިނަލްގެ ދެވަނަ ލެގު ސްޕެއިންގެ މެޑްރިޑްގައި ކުޅެފައިވާ އިރު، އެ މެޗަކީ މުޅި ދުނިޔޭގައިވެސް ކުޅެވޭ އެންމެ ވާދަވެރި އެއް މެޗެވެ. ފުރަތަމަ ލެގަށްފަހު ދެވަނަ ލެގަށް ތައްޔާރުވުމާ ދޭތެރޭ ގިނަ ކަންތައްތަކެއް ހިނގާފައިވާ އިރު، ފައިނަލް މެޗު ފަސްކޮށް، ސްޕެއިންއަށް ބަދަލުކުރީ ރިވާ ޕްލޭޓްގެ ސަޕޯޓަރުންގެ ހަމަލާތަކުން ބޮކަ ޖޫނިއާސްގެ ބަހަށް ހަމަލާދީ، ބައެއް ކުޅުންތެރިން ޒަހަމް ވުމުންނެވެ.

ގުއިލާމޯއަކީ ކުރިން އާޖެންޓީނާގެ ގައުމީ ޓީމު އަދި ބޮކަ ޖޫނިއާސްގެވެސް ކުޅުންތެރިޔެކެވެ. އޭނާ މަގާމުން އިސްތިއުފާ ދީފައި ވަނީ ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ކްލަބަށް އިރުޝާދު ދިނުމަށްފަހުގައެވެ. މިދިޔަ ދެ ސީޒަންގައިވެސް ބޮކަ ޖޫނިއާސްއިން އާޖެންޓީނާގެ ލީގު ނެގި ނަމަވެސް، މި ސީޒަންގެ މިހާތަނަށް ދިޔަ އިރު، އެ ކްލަބު އޮތީ ތާވަލުގެ ހަވަނައިގައެވެ.

" ބަލިވުމުގެ އަސަރު ވަރަށް ބޮޑަށް ކުރި، އެތަކެއް އުންމީދުތަކެއްގެ ނިމުން ގެނުވި ބައްޔެއް ކްލަބަށް ކުރިމަތިވީ. މި ވަގުތު އެންމެ މުހިއްމު ކަމަކަށް ފެންނަނީ އަމިއްލަ ނަފްސަށް ރެސްޓެއް ދިނުން،" ކޯޗު ގުއިލާމޯ ބުންޏެވެ.

ބޮކަ ޖޫނިއާސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފައިނަލްގެ ބައްޔަކީ ކްލަބުގެ މުޅި ހަޔާތުގައިވެސް ދިމާވި ހިތްދަތިކަމެއް ކަމަށާއި، އަލުން އާ ސީޒަނަކަށް އާ ކޯޗަކާއެކު ނުކުތުމަކީ އެންމެ މުހިއްމު ކަންތައް ކަމުގައި ދެކޭ ކަމަށެވެ. އަދި ކުރިއަށް އޮތް ކްލަބު ވޯލްޑް ކަޕަށް ކްލަބު ކޮލައި ނުވުމަކީ ލިބުނު ބޮޑު ދެރައެއް ކަމަށްވެސް ބޮކަ ޖޫނިއާސްގެ ބަޔާނުގައިވެއެވެ.

އަންނަ މަހު އޮންނަ ކްލަބު ވޯލްޑް ކަޕްގެ ޖާގައެއްވެސް، ދެކުނު އެމެރިކާގެ ޗެމްޕިއަން ރިވާ ޕްލޭޓަށް ލިބޭ އިރު، ޔޫރަޕުން މިފަހަރުވެސް ވާދަކުރާނީ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑެވެ.

ކިޔުންތެރިންގެ ހިޔާލު