މެންޗެސްޓާ ޔުނައިޓެޑަށް އަދިވެސް ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި މި ސީޒަން ނިންމާލެވިދާނެ ކަމަށް ޑިފެންޑަރު ލޫކް ޝޯ ބުނެފިއެވެ.

ހޯޒޭ މޮރީނިއޯއާއެކު ޔުނައިޓެޑުން މި ސީޒަން ފެށީ ދަށްކޮށެވެ. ހާއްސަކޮށް ލީގު މެޗުތަކުގައިވެސް އެޓީމުން އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. ކްލަބުގެ ތާރީހުގައިވެސް ދަށް ސީޒަނެއްގެ ގޮތުގައި މި ސީޒަން ފާހަގަކޮށްލެވުނު އިރު، އެޓީމުން ވަނީ މޮރީނިއޯ ފޮނުވާލާ ޓީމުގެ ވަގުތީ ކޯޗަކަށް އެ ކްލަބުގެ ލެޖެންޑް އޮލީ ގުނާ ސޮލްސްޖާ އެ މަގާމަށް ހަމަޖައްސާފައެވެ.

އެޓީމުން މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީއާ އަށް ޕޮއިންޓްގެ ފަރަގެއްގައެވެ.

އަލަށް ޓީމާ ހަވާލުވި ކޯޗު، ސޮލްސްޖާއާއެކު ކުޅުނު ފުރަތަމަ މެޗުގައިވެސް ކާޑިފް އަތުން 5-1ގެ ނަތީޖާއަކުން މޮޅުވެފައިވާ އިރު، އެ މެޗަށްފަހު ޝޯ ބުނީ އަދިވެސް ޓާގެޓަކީ ގަދަ ހަތަރެއް ކަމަށާއި، އެ އުންމީދު ހާސިލްވާނެ ކަމަށެވެ.

" އުންމީދަކީ ހަތަރު ވަނަ. އަންނަ ސީޒަންގައިވެސް ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވޭ. އެކަން ނުވާންވީ ސަބަބެއްވެސް ނެތް." ޝޯ ބުންޏެވެ.

މޮރީނިއޯގެ ކޯޗު ކަމުގެ އެންމެ ފަހު މެޗުތަކުގައި ޝޯއަށް ފުރަތަމަ 11އިން ޖާގަ ގެއްލުނު ނަމަވެސް، ސޮލްސްޖާގެ އިރުޝާދުގެ ދަށުން ފުރަތަމަ މެޗުގައިވެސް ޝޯ ވަނީ އެއްކޮށް ކުޅެފައެވެ.

" މޮރީނިއޯ ކްލަބަށް ކޮށްދިން ހިދުމަތްތައް ހަނދާނެއް ނުނެތޭނެ. ތިން ތަށިވެސް ހަނދާން ނައްތާލައިގެން ނުވާނެ،" މޮރީނިއޯގެ ކޯޗު ކަމުގެ ދުވަސްތަކާ ގުޅިގެން ޝޯ ބުންޏެވެ.

ދެ ސީޒަނެއްގައި މޮރީނިއޯ، ޔުނައިޓެޑަށް ކޯޗު ކޮށްދީފައިވާ އިރު، އޭނާ ވަނީ ކޮމިއުނިޓީ ޝީލްޑެއްގެ އިތުރުން ލީގު ކަޕާއި، ޔޫރޮޕާ ލީގު އެ ކްލަބަށް ހޯދައިދީފައެވެ.

ކިޔުންތެރިންގެ ހިޔާލު