މި ސީޒަން ފެށުނީއްސުރެ މެންޗެސްޓާ ޔުނައިޓެޑަށް މައްސަލަތައް ކުރިމަތިވަމުން ދިޔައެވެ. ޓީމާ ހަވާލުވެގެން ހުރި ހޯޒޭ މޮރީނިއޯއަށް ނަތީޖާ ނުނެރެވި، ޓީމު ތެރޭގައިވެސް މައްސަލަތައް ޖެހުނެވެ. ހާއްސަކޮށް އެ ކްލަބުގެ އެންމެ މުހިއްމު ކުޅުންތެރިން ކަމަށްވާ ޕައުލް ޕޮގްބާ ފަދަ ކުޅުންތެރިންނާ މައްސަލަތައް ޖެހި، ހައްލު ނުކުރެވޭ ހިސާބަށް ކަންތައް ދިޔައެވެ.

ޔުނައިޓެޑްގެ ބޯޑަށް ކެތް ނުވެގެން މޮރީނިއޯ ކްލަބުގެ ކޯޗުކަމުން ދުރުކުރުމަށްފަހު، މި މަސް ތެރޭގައި ކްލަބު ހަވާލު ކުރީ ކްލަބުގެ ލެޖެންޑް އޮލީ ގުނަ ސޮލްސްޖާއާއެވެ. އޭގެ ފަހުން ޔުނައިޓެޑުން ކުޅެފައި ވަނީ އެންމެ ދެ މެޗެވެ. އެހެން ނަމަވެސް، އެ ދެމެޗުގައިވެސް ކުޅުމުން ބޮޑު ތަފާތެއް ފެނިފައިވެއެވެ.

ސޮލްސްޖާގެ ފުރަތަމަ މެޗުގައި 5-1ގެ ނަތީޖާއަކުން ކާޑިފް އަތުން މޮޅުވި އިރު، ރޭގެ މެޗުގައި ހަޑަލްސްފީލްޑް ބަލިކުރީ 3-1ގެ ނަތީޖާއަކުންނެވެ.

"އަހަންނަށް އާ ކްލަބެއް ނޫން ޔުނައިޓެޑަކީ. ސަޕޯޓަރުން އަބަދުވެސް ހާއްސަ ވާނެ. ފުރަތަމަ އައި އިރު، އަހަރެން ހުރީވެސް އާވެފަ. އެކަމަކު އަހަރެންގެ ލަވައާއެކު ހިތްހަމަ ޖައްސައިދިނީ ސަޕޯޓަރުން. އުންމީދު ގެނުވީ އެ ސަޕޯޓަރުން. ކްލަބުގައި ވަކި އެއްޗެއް ބަދަލެއް ނުކުރަން. ހަމައެކަނި ބަދަލު ކުރީ ކުޅުންތެރިން ވިސްނުން. އޭގެ ތަފާތު އެ ފެންނަނީ،" ސޮލްސްޖާ ބުންޏެވެ.

މޮރީނިއޯގެ ފުރަތަމަ 11އިން ބާކީވި ޕޮގްބާ މިހާރު ފެންނަނީ މުޅިން ތަފާތު ކުޅުންތެރިއެއްގެެ ގޮތުގައެވެ.

" ޕޮގްބާއަކީ ޔުނައިޓެޑްގެ އެކަޑެމީގައި އުޅުނީއްސުރެ އަހަރެން ދަންނަ މޮޅު ކުޅުންތެރިއެއް. އޭނާގެ ތަފާތު ފެންނަނީ އުފާވެރިކަން ލިބުމުން، ޕޮގްބާގެ ހިތްހަމަ ނުޖެހުންތައް ގޮސް، ގޯލް ޖަހަން ފަށައިފި، އެކަން ކުރިއަތް އޮތް ތަނުގައިވެސް އެކަން ފެންނާނެ،" ރޭގެ މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮގްބާއާ ގުޅޭގޮތުން ސޮލްސްޖާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު