ގައުމީ ފުޓުބޯޅަ ލެޖެންޑް: އިމްރާން މުހައްމަދު (އިންމަ)، ގައުމީ ޓީމުން ރަސްމީކޮށް ރިޓަޔާކުރުމަށް ކުޅޭ މެޗުގެ ޓިކެޓް ގަނެގެން، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލްއާއެކު ސެލްފީއެއް ނަގާލުމަށް ފުރުސަތު ހުޅުވާލައިިފިއެވެ.

މިރޭ ގައުމީ ދަނޑުގައި އޮންނަ ލެޖެންޑުންގެ މެޗުގައި ވާދަކުރާނީ އިންމަގެ ޓީމަކާ އެފްއޭއެމްގެ ޓީމެކެވެ. މިރޭގެ މެޗަށް އިންމަ އެކުލަވާލި ސްކޮޑުގައި އޭނާއާއެކު ކެރިއަރު ފެށި ގިނަ ކުޅުންތެރިންނާއެކު ކޯޗަކީ 2000 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައިދިން އޭރުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ.

އެފްއޭއެމްގެ ޓީމުގައި، ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ޑިފެންޑަރު މިޝޭލް ސެލްގާޑޯގެ އިތުރުން ޕީޓާ ޝޫމައިކަލްވެސް ހިމަނާފައިވާ އިރު، އެޓީމުގެ ކޯޗަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

މިރޭގެ މެޗަށް ޓިކެޓް ވިކެމުންދާ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ މެޗު ޓިކެޓު ގަތް މީހުންގެ ތެރޭގައި ނެގޭ ލަކީ ޑްރޯއަކުން ހޮވޭ 20 މީހަކަށް ޝޫމައިކަލްއާއެކު ސެލްފީ ނަގާލުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ޝޫމައިކަލްއަކީ ޑެންމާކް ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، މެންޗެސްޓާ ޔުނައިޓެޑަށް 292 މެޗު ކުޅެދީފައިވާ ގޯލްކީޕަރެކެވެ. އޭނާގެ ކެރިއަރުގައި ޔުނައިޓެޑާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، ސަލްގާޑޯ ވަނީ ސްޕެއިން ގައުމީ ޓީމަށް 50އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އޭގެ އިތުރުން ރެއާލްއާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި އިރު، އެ ކްލަބަށް އޭނާ ވަނީ 254 މެޗު ކުޅެދީފައެވެ.

މިރޭގެ މެޗަށް ދަނޑު ފުރާލަ ދިނުމަށް އިންމަ އެދިފައިވާ އިރު، މެޗާ ދިމާކޮށް، އިންމަގެ އުފަން ރަށް، އދ. މަހިބަދޫންވެސް އެތައް ސަޕޯޓަރުންނެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަބީބު

    ހެޔޮ ޢަމަލުތައްކޮށްގެން ސުވަރުގެ ދިޔުމުގެ ފުރުޞަތުވެސް އެބަ އޮތެވެ.

  2. ބްރާންތި

    ތީ މީހުން ވައްދަންވެގެން. ޚިހިނެ 3000، 4000 މަިހުން ފޮޓޯނަގަނީ. ފެންސް ކައިރިޔައް ކައިރި ވީމަ ސެލްފަިއެއް ނެގިދާނެ. ???