ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވޭނެ ގޮތްތަކާ ގުޅޭ މަޝްވަރާ ކުރުމަށް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރެއާލް މެޑްރިޑް ލެޖެންޑް މިޝޭލް ސަލްގާޑޯއާ ބައްދަލުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި މިނިސްޓަރު ވަނީ ސަލްގާޑޯއާ ބައްދަލު ކުރައްވާފައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައި ވަނީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ކަމަށްވެސް ޓްވީޓްގައި ބުނެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ މިނިސްޓަރު ސަލްގާޑޯއާ ހާއްސަކޮށް ބައްދަލުކޮށް ވާހަކަ ދައްކާފައި ވަނީ ސްޕޯޓްސް ޓޫރިޒަމްގެ ތެރެއިން، ހާއްސަކޮށް ފުޓުބޯޅައިގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ.

މީީގެ ކުރިންވެސް މިނިސްޓަރު ވަނީ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ފުޅާ ކުރުމުގެ މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖެއަކީ މިހާރުވެސް އެތައް ފަތުރުވެރިންނެއްގެ ޗުއްޓީ މަންޒިލެއް ނަމަވެސް، ކުޅިވަރު ތެރެއިން ރާއްޖެއަށް އަންނަނީ މަދު އެތުލީޓުންނެކެވެ.

މިދިޔަ އަހަރު ތެރޭގައި ލޯންގް ޖަމްޕުގެ ދުނިޔޭގެ ޗެމްޕިއަނެއް ރާއްޖޭގައި ޓްރެއިން ކޮށްފައިވާ އިރު، ބައެއް އިވެންޓް ތަކަށް ފުޓުބޯޅަ ތަރިންވެސް ގެނެސްފައިވެއެވެ.

ސަލްގާޑޯ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިން ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްއަށެވެ. އޭނާއާއެކު މެން ޔުނައިޓެޑްގެ ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލްވެސް ރާއްޖެ އައިސްފައިވެއެވެ.

ޝޫމައިކަލްއަކީ ޑެންމާކް ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، މެންޗެސްޓާ ޔުނައިޓެޑަށް 292 މެޗު ކުޅެދީފައިވާ ގޯލްކީޕަރެކެވެ. އޭނާގެ ކެރިއަރުގައި ޔުނައިޓެޑާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، ސަލްގާޑޯ ވަނީ ސްޕެއިން ގައުމީ ޓީމަށް 50އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އޭގެ އިތުރުން ރެއާލްއާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި އިރު، އެ ކްލަބަށް އޭނާ ވަނީ 254 މެޗު ކުޅެދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަބީބު

    ބަލަ މިނިސްޓަރޫ! ޓޫރިޒަމް ހަލާކުކޮށްލަން ގޮވާފަ މިހާރު ތިކިޔަނީ ކީކޭހެއްޔެވެ؟ 50 ރިސޯޓް އަލަށް މާރުކޭޓަށް ނެރެ ، ހަތްމިލިޔަން ފަތުރުވެރިންނަށް އެއްފަހަރާ ޚިދުމަތްދެވޭފެންވަރަށް އެޔާޕޯޓް ތަރައްޤިކޮށް ޓޫރިޒަމް މެދުއުޑުގައި ފިޔަޖަހާލީ ރައީސް ޔާމީންގެ ސިިޔާސަތުގެދަށުންނެވެ. ދެން ޓޫރިޒަމް ރަގަޅުވުމުގެ ބަދަލުގައި ދާނީ ދަށަށެވެ. ކަލޭމެން އެދެދުނުކަންތައް ކަލޭމެންނަށް ފެންނާނެއެވެ.