ޓޮޓެންހަމްއަށް އަދިވެސް ލީގު ތަށްޓަށް ވާދަކުރެވިދާނެ ނަމަވެސް، އެކަމަށް "ކޮންސިސްޓެންސީ" ބޭނުންވާ ކަމަށް ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓޮޓެންހަމްއިން ކާޑިފް ސިޓީ ބަލިކުރުމާއެކު އެޓީމުން ވަނީ އަނެއްކާވެސް ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެހެން ނަމަވެސް މިދިޔަ ހަފްތާ ވުލްވްސް އަތުން ބަލިވުމުން އެޓީމަށް ވަނީ ދެވަނަގައި ހަމަޖެހިލެވޭ ގޮތް ނުވެއެވެ.

ސިޓީން މިރޭ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުން ސިޓީ މޮޅުވެއްޖެ ނަމަވެސް، ޓޮޓެންހަމް އަނެއްކާވެސް ތިންވަނައަށް ވެއްޓޭނެއެވެ. ރޭގެ މެޗުގައި ޓޮޓެންހަމްއިން 3-0ގެ ނަތީޖާއަކުން ކާޑިފް ސިޓީ ބަލިކުރި އިރު، އެޓީމަށް ގޯލްތައް ޖަހައިދިނީ ހެރީ ކޭންއާއި އެރިކްސަން އަދި ހުއިން މިއުން ސޮންއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނެފައި ވަނީ ޓޮޓެންހަމްއަކީ ތަށްޓަށް ވާދަކުރޭވެނެ ޓީމެއް ކަމަށާއި، ބޭނުން ވަނީ ދާއިމީ ގޮތެއްގައި އެއް ފޯމެއްގައި ކުޅެން ކަމަށެވެ.

" ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅުމަކީ އުނދަގޫވާނެ ކަމެއް. ހާއްސަކޮށް މެންޓަލީ ކުޅުންތެރިން ބަލިވާނެ ކަމެއް. އެހެންވިޔަސް، އެއް ލެވެލްއެއްގައި ހިފެހެއްޓެން ޖެހޭނެ. ތަށްޓަށް ވާދަކުރުމަށް އެއީ މުހިއްމު ކަމެއް،" ޕޮޗެޓީނޯ ބުންޏެވެ.

ރޭގެ މެޗުގައި ކޭން އޭނާ މި ސީޒަންގައި ޖެހި 14 ވަނަ ގޯލް ޖަހާފައިވާ އިރު، ކޭންއަކީ ޓޮޓެންހަމްގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ. މެޗަށްފަހު ޕޮޗެޓީނޯ ވަނީ ކޭންއަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އޭގެ އިތުރުން ޕޮޗެޓީނޯ ބުނީ، ވުލްވްސްއަތުން ބަލިވުމަކީ "އެކްސިޑެންޓެއް" ކަން ރޭގެ ނަތީޖާއާއެކު އެނގިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު