ޓެކްސީ ޑްރައިވަރަކަށް ހަމަލާ ދިން މައްސަލައިގައި، ނިކްލަސް ބެންޓްނާގެ މައްޗަށް އިއްވާފައިވާ 50 ދުވަހަށް ގޭބަންދު ކުރުމުގެ ހުކުމް، އޭނާ ތަންފީޒު ކުރަން ފަށައިފިއެވެ.

ނޯވޭގެ ރޮސެންބާގަށް ކުޅެމުންދާ ބެންޓްނާ ކުރި މީސް މީޑިއާ ޕޯސްޓެއްގައި އޭނާ ވަނީ ފައިގައި އަޅާފައިވާ އިލެކްޓްރޯނިކް ޓެގްވެސް ދައްކާލާފައެވެ. ޓެކްސީ ދުއްވަން އިން ޑްރައިވަރު ގައިގައި ޖެހި ކަމަށް ބެންޓްނާ އިއުތިރާފްވެފައިވާ އިރު، އޭނާ ބުނެފައި ވަނީ، ޑްރައިވަރަށް ހަމަލާ ދިނީ ޑްރައިވަރުގެ ފަރާތުން ބިރުދެއްކި ކަމަށް އޭނާއަށް އިހުސާސް ކުރެވުމުން ކަމަށެވެ.

ބެންޓްނާ ބުނެފައި ވަނީ އެކަން އެގޮތަށް ނުވިނަމަ އޭނާއާއި ޓެކްސީ ޑްރައިވަރަށްވެސް އިތުރު ތަކުލީފުތަކެއް ނުޖެހުނީސް ކަމަށެވެ. އެހެން ނަމަވެސް އެކަން އެގޮތަށްވުމުން ހިތާމަ ކުރާ ކަމަށްވެސް ބެންޓްނާ ބުނެފައިވެއެވެ. މިދިޔަ ސެޕްޓެންބަރު މަހު ހިނގި މައްސަލައިގައި، ކޯޕަންހޭގަންގެ ކޯޓުގައި ދެއްކި ހެކީގެ ވީޑިއޯއިން ފެންނަނަނީ ބެންޓްނާ، ޓެކްސީ ޑްރައިވަރުގެ މޫނަށް ހަމަލާ ދޭ މަންޒަރެވެ.

ބެންޓްނާ ދިފާއުގައި ބުނެފައި ވަނީ އޭނާގެ ލޯބިވެރިޔާ، ފައިސާ ނުދައްކާ ދިޔުމުން ޑްރައިވަރު ފުޅިއެއް އެއްލާ ޖެހި ކަމަށެވެ. އަދި ފައިސާ ނުދައްކާ ދިޔައީ މީޓަރުގައިވާ އަގު ގަބޫލު ނުކުރެވޭތީ ކަމަށްވެސް ބެންޓްނާ ބުންޏެވެ.

ނޯވޭގައި މާޗު މަހު ސީޒަން ފަށާއިރު، އެ ހިސާބަށް ހުކުމް ތަންފީޒުކޮށް ނިންމުމަށް، ބެންޓްނާ ވަނީ އިސްތިއުނާފް ކުރުން ދޫކޮށްލާފައެވެ.

ކުރިން އާސެނަލަށްވެސް ގިނަ ސީޒަންތަކެއްގައި ކުޅުނު ބެންޓްނާ ވަނީ ޖަރުމަނު ލީގުގެ އިތުރުން، ޕްރިމިއާ ލީގުގެ އިތުރު ޓީމުތަކަށްވެސް ކުޅެފައެވެ. ބެންޓްނާ ވަނީ މިދިޔަ ސީޒަންގައި ރޮސެންބާގާއެކު ލީގާއި ކަޕްވެސް ކާމިޔާބުކޮށްފައެވެ. ކަޕްގެ ފައިނަލްގައިވެސް ދެ ގޯލް ޖެހި ބެންޓްނާ މިދިޔަ ސީޒަންގައި މޮޅު ކުޅުމެއްވެސް ދައްކާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު