އިއްޔެ ޔުނައިޓެޑް އަރަބް އެމެރޭޓްސްގައި ފެށި އޭޝިއަން ކަޕްގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ޖޯޑަންއިން އެންމެފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ބަލިކޮށްފިއެވެ.

މިއަދުގެ މެޗަކީ ގްރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗެވެ. މުބާރާތަށް ނުކުތް އިރު، ގްރޫޕް ބީގެ ފެވަރިޓުންގެ ގޮތުގައި އޮތް އޮސްޓްރޭލިއާ، މިއަދުގެ މެޗުން ބަލިވީ 1-0ގެ ހަނި ނަތީޖާއަކުންނެވެ.

މުބާރާތަށް ތައްޔާރުވުމުގައިވެސް އޮސްޓްރޭލިއާއަށް އެންމެ ފުރިހަމައަށް ކަންތައްތައް ދިޔަކަމަށް ބުނެވޭކަށް ނެތެވެ. އެޓީމުން މުބާރާތަށް ނުކުތީ މުހިއްމު ކުޅުންތެރިންތަކެއް ނުލައެވެ. އަނިޔާގެ މައްސަލަތަކާ އެކުގައެވެ.

އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ އޭރޮން މޯއީގެ އިތުރުން މެތިއު ލެކީއާއި މާޓީން ބޮއިލްވެސް މިފަހަރުގެ މުބާރާތަށް ގޮސްފައެއް ނުވެއެވެ.

މެޗުގައި ޖޯޑަންއިން ޑޮމިނޭޓްކޮށްގެން ކުޅުނު އިރު، އޮސްޓްރޭލިއާގެ ގޯލްކީޕަރު ވަނީ ގިނަ ހަމަލާތަކެއް މަތަވެސް ކޮށްފައެވެ. ރަނގަޅަށް މެޗު ފަށައިގެން 26 ވަނަ މިނެޓުގައި ޖޯޑައިން ލީޑު ނެގިއެވެ. ލިބުނު ކޯނަރުގެ އެހީގައި، ޖޯޑަންއަށް ލީޑު ނަގައިދިނީ ބާނީ ޔާސީންއެވެ.

ކޯނަރު ނެގި އިރު، ހުސްކޮށް އޭރިއާ ތެރޭގައި ހުރެ ޔާސީން ބޮލުން ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި އޮސްޓްރޭލިއާގެ ރޮބީ ކުރޫސް، އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ، ޖޯޑަންގެ ކުޅުންތެރިޔާ އޭރިއާ ތެރޭގައި ހުއްޓާ އަތު ޖެހުނު ކަމަށް، ކުޅުންތެރިން ޝަކުވާ ކުރި ނަމަވެސް، ރެފްރީ ނިންމީ ޕެނެލްޓީ ނުދޭށެވެ. މުބާރާތުގެ ގަވާއިދު ބުނާ ގޮތުން އެފަދަ ނިންމުންތަކަށް ވީއޭއާރް ބޭނުން ކުރާނީ ކުއާޓާ ފައިނަލުން ފެށިގެންނެވެ.

މެޗުގެ ފަހު ކޮޅުގައި އޮސްޓްރޭލިއާއިން އެޓޭކިން ބަދަލުތަކެއް ކޮށް، ޖޯޑަންއަށް ޕްރެޝަރު ކުރަން މަސައްކަތް ކުރި އެވެ. އެހެން ނަމަވެސް، އަވޭރު މާބިލްއާއި ރަޔަން ގްރާންޓް އަދި އިކޮނޮމިޑިސްއަށްވެސް އޮސްޓްރޭލިއާގެ ކުރިން ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

އޮސްޓްރޭލިއާ ހިމެނޭ ގްރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ، ފަލަސްތީނާއި ސީރިއާ މިރޭ ވާދަކުރާ އިރު، އޮސްޓްރޭލިއާގެ ދެވަނަ މެޗުގައި ހުކުރު ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. ޖޯޑަން ނުކުންނާނީ ސީރިއާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު