ލަލީގާގައި ރޭ ކުޅުނު މެޗުގައި 2-1ގެ ނަތީޖާއަކުން ގެޓާފޭ ބަލިކޮށް، ބާސެލޯނާއިން އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުން މޮޅުވެ، ބާސާއިން ވަނީ ލީގުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ދެވަނަގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު، އެޓީމަށް 18 މެޗުން ލިބިފައި ވަނީ 35 ޕޮއިންޓެވެ. ބާސާ ވަނީ އެ އަދަދަށް މެޗު ކުޅެ، 40 ޕޮއިންޓް ހޯދާފައެވެ.

މެޗުގެ ކުރީކޮޅުގައި ބާސާއިން ލީޑު ނެގިއެވެ. 20 ވަނަ މިނެޓުގައި ހަނި އޭންގަލަކުން މެސީ ވައްދާލި ބޯޅައާއެކު އޭނާ ލަލީގާގައި ޖެހި 399 ވަނަ ގޯލް ޖެހިއެވެ. އޭގެ އިރުކޮޅެއްފަހުން، މެޗުގެ 39 ވަނަ މިނެޓުގައި ޝުއަރޭޒްގެ ބާރު ހަމަލަާއެކު ބާސާއިން ލީޑު ފުޅާވެސް ކުރިއެވެ.

ދެ ގޯލްގެ ލީޑަކާއެކު ބާސާއިން ހާފް ނިންމާލަން ދަނިކޮށް، ގެޓާފޭގެ ޖެއިމީ މާޓާ ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ފަހުން ގެޓާފޭގެ ޖޯޖު މޮލީނާއަށް ވަނީ މުޅިން ހުސް ފުރުސަތެއްވެސް ލިބިފައެވެ. ބާސާގެ ގޯލްކީޕަރުވެސް ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

ބާސާއިން ވަނީ ފަހު ހާފްގައިވެސް ގޯލް ޖަހާނެ ފުރުސަތުތަކެއް ހޯދައިފައެވެ. މެސީގެ ދެ ހަމަލާއެއް ބްލޮކް ކުރި އިރު، ޖެރާޑް ޕީކޭއަށް ހުސްކޮށް ލިބުނު ހަމަލާ، އޭނާ ބޮލުން ޖެހުމުން މަތަކުރީ ގެޓާފޭގެ ގޯލްކީޕަރެވެ.

ކިޔުންތެރިންގެ ހިޔާލު