ކުރިއަށް އޮތް ސީޒަނުގައިވެސް، ލެޖެންޑްރީ ކޯޗު އަލީ ސުޒައިން ކްލަބު ގްރީން ސްޓްރީޓްސްގައި މަޑުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ތާރީހު ދުތް އެންމެ ވަރުގަދަ އެއް ކޯޗު، ސުޒައިން މިދިޔަ އަހަރުވެސް ގްރީން ސްޓްރީޓްސްއަށް ކޯޗު ކޮށްދީފައިވާ އިރު، އޭނާއާއެކު ގްރީން ސްޓްރީޓްސް ދިވެހި ޕްރިމިއާ ލީގު ނިންމާލީ ފަސްވަނައިގައެވެ.

އޭގެ ކުރިން 2017 ވަނަ އަހަރު ސުޒޭން ވަނީ މާލޭ ލީގުގައި ވިކްޓަރީގެ ބެންޗުން ފެނިފައެވެ. އެޓީމަށް ޕްރިމިއާ ލީގުގެ ޖާގަ ގެއްލުމުން ސުޒޭން ފެނުނީ ޕްރިމިއާ ލީގުގައި ތިނަދޫގެ ކޯޗު ކަމުގައެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގެ ހަތަރުވަނަ މަގާމު ތިނަދުއަށް ހޯދައިދީފައެވެ.

މީގެކުރިން ކުޅުންތެރިއެއްގެ ގޮތުގައިވެސް ރާއްޖޭގެ ޓޮޕް ޑިވިޝަންގައި އެތައް ކާމިޔާބީތަކެއް ހޯދައިފައިވާ ސުޒޭން ވަނީ ކޯޗިން ދާއިރއާގައިވެސް އެތަކެއް ކާމިޔާބީތަކެއް ހޯދައިފައެވެ. ހާއްސަކޮށް 2016 ވަނަ އަހަރު އޭނާ ވަނީ މާޒިޔާއާއެކު ދިވެހި ލީގުވެސް ހޯދައިފައެވެ.

ރާއްޖޭގެ ފުޓުބޯޅަ ކޯޗިންގެ އިތުރުން މީގެ ކުރިން ސުޒޭން ވަނީ ގައުމީ ޓީމުގެ ޑިރެކްޓަރު ކަމާއި މެނޭޖަރުކަންވެސް ކޮށްފައެވެ.

ދިވެހި ފުޓުބޯޅައިގައި އެންމެ ގިނަ ބައެއްގެ އިހުތިރާމް ހޯދާފައިވާ ސުޒޭން އަބަދުވެސް ފާހަގަކޮށްލެވެނީ ފުޓުބޯޅައިގެ ހެވަށް ބަސް ބުނާނެ ކޯޗެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު