މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްގެ ޓާގެޓަކީ ގަދަ ހަތަރެއް ނޫން ކަމަށާއި، ނިންމާލަން ބޭނުން ވަނީ ތަށްޓަކާއެކުގައި ކަމަށް ކޯޗު އޮލި ގުނަ ސޮލްސްޖާ ބުންޏެވެ.

ޔުނައިޓެޑުން ލީގު ތާވަލުގެ ހަ ވަނައިގައި އޮތް އިރު، ހަތަރުވަނައިގައި އޮތް ޗެލްސީއާ އެޓީމާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. ލީގު ތާވަލުގެ ރޭހުގައި ޔުނައިޓެޑުން ހަވަނައިގައި އޮތް ނަމަވެސް، އެޓީމުން އަދިވެސް ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގައިވެސް އެބައޮތެވެ.

ރޭ ނެގި އެފްއޭ ކަޕްގެ ގުރުއަތުން ލައްވާލި ގޮތުގައި، ފަސްވަނަ ބުރުގައި ޔުނައިޓެޑުން ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

"މިއީ ޔުނައިޓެޑް، އަބަދުވެސް ލީގަށް ވާދަކުރަން ޖެހޭނެ. މިއަހަރު އެކަން ނުވިޔަސް، އަހަރެމެންގެ ވިސްނުން އެހިސާބަށް އަބަދުވެސް ހުންނަން ޖެހޭނެ،" މިހާތަނަށް މެނޭޖަރު ކަމުގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އަންނަ ސޮލްސްޖާ ބުންޏެވެ.

ސޮލްސްޖާ ބުނީ ޔުނައިޓެޑަކީ ޗެމްޕިއަންސް ލީގުން އުންމީދު ކަނޑާލަން ޖެހޭވަރުގެ ޓީމެއް ނޫން ކަމަށާއި، އެއަށްވުރެ ރަނގަޅަށް ވިސްނަން ޖެހޭނެ ޓީމެއް ކަމަށެވެ. އަދި ޔުނައިޓެޑަކީ އަބަދުވެސް ޓްރޮފީއާއެކު ސަޕޯޓަރުން ހެއްވާލާ ޓީމެއް ކަމަށް ސޮލްސްޖާ ބުންޏެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ސޮލްސްޖާ ވަނީ ހަ ފަހަރަށް ލީގު ނަގައި، އެފްއޭ ކަޕެއްގެ އިތުރުން ޗެމްޕިއަންސް ލީގެއް ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަން ހުސްއަތާ ނިންމާލި ޔުނައިޓެޑުން އެންމެފަހުން ހޯދި ތަށްޓަކީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ތަށްޓެވެ. އަދި އެންމެފަހުން އެ ކްލަބުން ލީގު ހޯދާފައި ވަނީ 2012-13 ވަނަ އަހަރުގެ ސީޒަނުގައެވެ.