ފްރާންސްގެ އެސްސީ ނާންޓޭސްއިން އިނގިރޭސިވިލާތުގެ ކާޑިފްއަށް ރެކޯޑު ޓްރާންސްފާއެއްގައި ބަދަލުވި އާޖެންޓީނާގެ ފޯވަޑް، އެމިލިއާނޯ ސަލާ ދަތުރުކުރި ފްލައިޓްގެ ސީޓުގެ ކުޝަންތަކެއް ފެނިއްޖެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ކާޑިފްގެ ފޯވަޑް ކްލަބަށް ބަދަލުވުމަށްފަހު، ނާންޓޭސްއިން އިނގިރޭސިވިލާތަށް ދަތުރުކުރި ފްލައިޓް ގެއްލުނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެ ފްލައިޓުގައި ސަލާގެ އިތުރުން ޕައިލެޓްވެސް ދަތުރުކޮށްފައިވާ އިރު، ފްލައިޓް ހޯދުމަށް އިނގިރޭސިވިލާތުގެ ރަސްމީ އިދާރާތަކުން ކުރި މަސައްކަތް މީގެ ތިން ދުވަސް ކުރިން ވަނީ ހުއްޓާލާފައެވެ.

އެ މަސައްކަތް އިދާރާތަކުން ހުއްޓާލި ނަމަވެސް، މުޅި ފުޓުބޯޅަ އާއިލާއިން ވަނީ އަލުން ފްލައިޓް ހޯދަން ފެށުމަށް ގޮވާލާފައެވެ. އަދި ސަލާގެ އޭޖެންސީން ފަންޑް ރެއިސިން ކެމްޕޭނެއް ބާއްވާ، މިހާރު ފްލައިޓް ހޯދަމުން ދަނީ ޕްރައިވަޓް ކުންފުންޏަކުންނެވެ. އެކަމަށް އެހީތެރިވުމަށް އެތައް ފުޓުބޯޅަ ކުޅުންތެރިންނެއް ވަނީ ބޮޑެތި އަދަދުން އެހީވެފައެވެ. ހާއްސަކޮށް ފްރާންސްގެ އެމްބާޕޭއާއި ގޮންޒާލޯ ހިގުއައިންގެ އެހީތައް ފާހަގަކޮށްލެވުނެވެ.

އަމިއްލަ ކުންފުންޏެއްގެ އެހީގައި ވައިގެ މަގުންނާއި ކަނޑުގެ އަޑިންވެސް ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، ފްލައިޓްގެ ބައިތަކެއް ފެނިފައިވާ ކަމަށް އެ މައްސަލަ ތަހުގީގުކުރާ ޓީމުން ވަނީ ބުނެފައެވެ.

"ޕައިޕާ މަލީބޫ ފްލައިޓެއްގެ ސީޓުތަކުގެ ކުޝަންތަކެއް ވަނީ ފެނިފައި. އެ ކުޝަންތައް ފެނުނީވެސް ފްލައިޓް ގެއްލުނު ޗެނަލްގެ ތެރެއިން. އެ ޗެނަލްގެ ތެރެއިން އައްސޭރި ފަށާ ކައިރިން. ލަފާކުރަނީ އެއީ އެމިލިއާނޯ ސަލާގެ ފްލައިޓުގެ ބައެއް ކަމަށް،" ތަހުގީގީ އިދާރާއިން ބުނެފައިވެއެވެ.

އެމިލިއާނޯ ސަލާގެ އާއިލާއިންވެސް ބުނެފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށެވެ. އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި ޑިއޭގޯ މަރަޑޯނާވެސް ވަނީ އާއިލާއަށް ހިތްވަރުދީ، އިތުރަށް ހޯދުމަށް އެހީވެދީފައެވެ.

އާސެނަލުން ރޭ ކާޑިފްއާއެކު ކުޅުނު މެޗުގެ ކުރިން ސަލާގެ ހަނދާނުގައި ހާއްސަ ސުކޫތެއް ގެނެސްފައިވާ އިރު، ކާޑިފްގެ ޓީމް ޝީޓުގައި އޭނާގެ ނަން ހިމަނާފައިވެއެވެ.