ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާގެ ދެ ގޯލާއެކު ގިރޯނާ ބަލިކޮށް، ރެއާލްއިން ކޮޕާ ޑެލްރޭގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ މެޗަށް ނުކުތް އިރު، ރެއާލްއިން ހޯމް ލެގު ކާމިޔާބުކޮށްފައި އޮތީ 4-3ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ރެއާލް މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ 27 ވަނަ މިނެޓުގައި ރެއާލްއިން ލީޑު ނެގިއެވެ. ބެންޒެމާގެ ގޯލާއެކު އެޓީމުން ލީޑު ނެގި އިރު، އޭނާ ވެފައި ވަނީ ރެއާލްގެ ތާރީހުގައިވެސް ހަވަނައަކަށް އެންމެ ގިނައިން ގޯލް ޖެހި ކުޅުންތެރިޔާއަށެވެ. 2009 ވަނަ އަހަރު ލިއޯންއިން ރެއާލްއަށް ބަދަލުވި ބެންޒެމާ ވަނީ ރެއާލްއަށް 446 މެޗު ކުޅެދީފައެވެ.

ރެއާލްއަށް ބެންޒެމާ ކުޅުނު 10 އަހަރު ތެރޭގައި ބެންޒެމާ ވަނީ 209 ގޯލް ޖަހާފައެވެ. އޭގެ ތެރެއިން 20 ގޯލަކީ ކޮޕާ ޑެލްރޭގައި ޖަހާފައިވާ ގޯލްތަކެވެ.

ރޭގެ މެޗު ދެވަނަ ގޯލް ހާފް ނިމުމުގެ ކުރިން ބެންޒެމާ ކާމިޔާބުކޮށްދިން އިރު، ގިރޯނާގެ ޕޯރޯ ވަނީ 71 ވަނަ މިނެޓުގައި ގޯލެއް ޖަހާފައެވެ. އެހެން ނަމަވެސް 76 ވަނަ މިނެޓުގައި މާކަސް ލޮރެންޓޭ ވަނީ ރެއާލްއަށް އަނެއްކާވެސް ލީޑު ދަމަހައްޓައިދީފައެވެ.

ރޭގެ މެޗުގައި ބޭލްވެސް ފެނިގެންދިޔަ އިރު، ރެއާލްއަށް 2014ގެ ފަހުން އަދި ކޮޕާ ޑެލްރޭ ކާމިޔާބުވެެފައެއް ނުވެއެވެ. ރެއާލްއަށް މި ސީޒަންގެ ލީގަށް ފުރުސަތު ކުޑަވެފައިވާ އިރު، ކޮޕާ ޑެލްރޭއަކީ އެޓީމަށް މުހިއްމު މުބާރާތެކެވެ.