އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި އެންމެފަހުގެ ޗެމްޕިއަން ކްލަބު ގްރީން ސްޓްރީޓްސްއިން ކުޅުނު ދެވަނަ މެޗުގައި ފަސޭހަ ކަމާއެކު ކްލަބު އޭދަފުށި ބަލިކޮށްފައެވެ.

ގްރީންއިން ރޭގެ މެޗު ކާމިޔާބުކުރީ 4-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވެ ގްރީން ވަނީ ސެމީ ފައިނަލްގެ އުންމީދެއް ހޯދާފައެވެ.

ރޭގެ މެޗަށް ނުކުތް އިރު، ދެޓީމުވެސް އޮތީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އެހެން ކަމަށްވުމުން އަމިއްލަ ބާރުގައި ސެމީގެ ޖާގަ ހޯދުމަށް ރޭގެ މެޗު ދެޓީމަށްވެސް މަޖުބޫރެވެ. ރޭގެ މެޗުން ގްރީން މޮޅުވުމާއެކު އެޓީމަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބޭ އިރު، ގްރޫޕްގައި ހިމެނޭ އީގަލްސްއާއި މާޒިޔާ އަދި ޔުނައިޓެޑް ވިކްޓަރީވެސް ވަނީ ތިން ޕޮއިންޓް ހޯދައިފައެވެ.

ރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ކޮންމެ ޓީމަކަށްވެސް ބާކީ ދެ މެޗު ގްރޫޕް ސްޓޭޖުގައި އޮތް އިރު، އެއްވެސް ޓީމަކަށް އަދި ސެމީގެ ފުރުސަތެއް ނުގެއްލެއެވެ. އެހެން ނަމަވެސް އޭދަފުއްޓަށް ވަނީ އަމިއްލަ ބާރު ކެނޑިފައެވެ. އަދި ފައިނަލަށް ދިޔުމަށް އޮތީވެސް ކުރިއަށް އޮތް ދެ މެޗުންވެސް ޔަގީން ކަމާއެކު މޮޅުވެގެންނެވެ.

ރޭގެ މެޗު ފެށިގެން 20 ވަނަ މިނެޓުގައި ގްރީންއިން ލީޑު ނެގިއެވެ. އެޓީމުގެ ކެޕްޓަން އަބްދުﷲ ޔާމީން، އޭރިއާ ތެރެއަށް ވަދެ ކީޕަރުވެސް ނައްޓާލުމަށްފަހު ގޯލާ ދިމާލަށް ފޮނުވާލަން އުޅުނު ބޯޅަ ގޯލަށް ވަނީ ސާފުކޮށްލަން މަސައްކަތް ކުރި އޭދަފުށީގެ ޑިފެންޑަރު ހުސައިން ޝަރީފް އަތުންނެވެ.

ގްރީންއިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފަށް އޭދަފުށި ނުކުތީ ހެދުނު ގޯސްތައް ރަނގަޅު ކުރުމަށެވެ. އެހެން ނަމަވެސް އެޓީމުގެ އުންމީދުތަކަށް ހުރަސް އެޅުނީ މެޗުގެ 52 ވަނަ މިނެޓާއި، 54 ވަނަ މިނެޓުގައި ގްރީންއިން ފުލުފުލުގައި ޖެހި ދެ ގޯލާއެކުގައެވެ.

ދެވަނަ ހާފްގައި ގްރީންއިން ޖެހި ފުރަތަމަ ގޯލް، ރީތި ވަންޓޫ ޕާސްތަކަކަށްފަހު ޖަހައިދިނީ އަހުމަދު ބައްސާމެވެ. އޭގެ ދެ މިނެޓްފަހުން ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ގްރީންގެ ކެޕްޓަން ޔާމީނެވެ. އޭރިއާ ބޭރުން ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ގޯލަށް ވަނީ ޑެފެންޑަރު ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

މެޗުގެ 72 ވަނަ މިނެޓުގައި އޭދަފުށިން ގޯލް ޖެހި އިރު، އެ ގޯލަކީ ލާމިއު ހެދި ގޯހެއްގެ ފައިދާ ނަގާ މުހައްމަދު އަބާން އަލީ ޖަހައިދިން ގޯލެކެވެ. އެ ގޯލާއެކު އޭދަފުއްޓަށް ހިތްވަރެއް ލިބުނު ނަމަވެސް 77 ވަނަ މިނެޓުގައި އަނެއްކާވެސް ގްރީން ލީޑު ފުޅާކުރިއެވެ.

ރޭގެ މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެދުތެރެއިން ހުނަރުވެރި ކުޅުމަށްފަހު ޔާމީން ތަނަވަސްކޮށްދިން ބޯޅަ ގޯލަށް ނިންމާލީ ތޮލާލެވެ. ތޮލާލް ފުރަތަމަ ފޮނުވާލި ބޯޅަ އޭދަފުށީ ގޯލްކީޕަރު މަތަކުރި ނަމަވެސް ރީބައުންސް ބޯޅަވެސް އޭނާ ގޯލަށް ފޮނުވާލިއެވެ.

މުބާރާތުގައި މާދަމާ އޮންނާނީ އެންމެ މެޗެކެވެ. މާދަމާ ރޭ އޮންނާ ގްރޫޕް އޭގެ މެޗުގައި ދަ ގޭންގުން ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.