މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެގެން ސެމީ ފައިނަލްގެ ހަނި ފުރުސަތެއް އޮވެ، މިއަދުގެ މެޗަށް ނުކުތް ކްލަބު އޭދަފުއްޓުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އޭދަފުށި މޮޅުވީ1-0ގެ ހަނި ނަތީޖާއަކުންނެވެ.

މެޗުން އޭދަފުށި މޮޅުވުމާއެކު ގްރޫޕް ބީގެ ފޯރި ވަނީ ގަދަވެފައެވެ. ޔުނައިޓެޑް ވިކްޓަރީއާއި ކްލަބު އީގަލްސްއަށް ގްރޫޕް ސްޓޭޖުގައި ބާކީ ތިން މެޗު އޮތް އިރު، އެ ދެޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. ގްރީންއަށް ދެ މެޗުން ތިން ޕޮއިންޓް ލިބޭ އިރު، އެޓީމު އެއްވަނައިގައި އޮތީ ޖެހި ގޯލްގެ ތަފާތުންނެވެ.

މާޒިޔާއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، އެޓީމަށްވެސް ވަނީ ސެމީގެ ފުރުސަތު ހަނިވެފައެވެ.

މިއަދުގެ މެޗު ފެނުނީ ހަމަލާތައް ގިނަ މެޗެއްގެ ގޮތުގައެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މާޒިޔާއިން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް، އޭދަފުށީގެ ޑިފެންސުން ވަރަށް ބޮޑަށް އޯގަނައިޒް ކޮށް ކުޅުނުތަނެވެ. މެޗުގެ 35 ވަނަ މިނެޓުގައި އޭދަފުށިން ލީޑު ނެގިއެވެ.

އިސްމާއީލް ޝަރީފުގެ ގޯލާއެކު އޭދަފުށިން ލީޑު ނެގި އިރު، ލީޑު ހިފެހެއްޓުމަށް އޭދަފުށީ ކުޅުންތެރިންގެ ފަރާތުން ތަފާތު ވަރުގަދަ ހިތްވަރެއް ފެނިގެން ދިޔައެވެ.

މުބާރާތުގެ ގްރޫޕް ބީގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނި އީގަލްސްއާއި ޔޫވީއެވެ.