ދިވެހި ފުޓުބޯޅައިގެ ރަސްގެފާނެވެ. ސަރަހައްދީ ފުޓުބޯޅައިގެވެސް ތަރިއެކެވެ. ކްލަބު ކެރިއަރުގެ އިތުުރުން ގައުމީ ޓީމުގައިވެސް ދެވަނައެއް ނުވާ، އަލީ އަޝްފާގު (ދަގަނޑޭ)އެވެ.

ވެލެންސިއާއިން ފުޓުބޯޅައަށް ތައާރަފް ވެގެންއައި ދަގަނޑޭއަކީ ދިވެހި ފުޓުބޯޅައިގައި އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ ހުނަރުވެރިއެކެވެ. ރާއްޖޭގެ ކްލަބު ފުޓުބޯޅައިގައި ހުއްޓުމެއް ނެތި ފިޔަޖަހަމުން ދިޔަ ދަގަނޑޭއަށް ޔޫރަޕްގެ ބައެއް ހުށަހެޅުންތައްވެސް އައެވެ. ހަމައެއާއެކު އޭޝިއާގެ ބައެއް ހުށަހެޅުންތައްވެސް އައެވެ. މެލޭޝިއާގެ ޕީޑީއާރްއެމްގައި 2014އިން 2016 އަށް އޭނާ ކުޅުނު އިރު، އެ ކްލަބުގައި އޭނާ ވަނީ ވިދާލާފައެވެ. އިތުރު އެތައް ސަޕޯޓަރުންތަކެއްވެސް ހޯދާފައެވެ.

މެލޭޝިއާއިން ހޮވާލެވުނު ގަދަ 11އަކާއި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މެލޭޝިއާ ޓީމުގެ ސްޓާރަކަށްވީ އޭނައެވެ. ޔޫރަޕްގެ ވަރުގަދަ ޑިފެންޑަރުން ކައިރީވެސް އޭނާއަށް ހިފަހައްޓާލެވޭނެ ކަމުގެ ސިގުނަލްވެސް އެ މެޗުން ލިބުނެވެ. ކޮންމެއަކަސް މެލޭޝިއާއަށް ކުޅުމަށްފަހު އަނިޔާގެ މައްސަލަތައްވެސް ހުރުމާއެކު ދަގަނޑޭ އެނބުރި އައީ ރާއްޖޭގެ ލީގަށެވެ. އޭނާގެ އެންމެ ކާމިޔާބު އެއް ކްލަބު ނިއު ރޭޑިއަންޓަށެވެ.

ފޮޓޯ/ ދަގަނޑޭ ޓްވިޓާ

އެނބުރި އައިސް އޭނާ ނިއުއާއެކު ލީގުވެސް އުފުލާލިއެވެ. ކުރިންވެސް މިހާރުވެސް ރާއްޖޭގެ ލީގާ ދަގަނޑޭއާ ބޮޑު ގުޅުމެއް އެބައޮތެވެ. ކޮންމެ ކްލަބަކުވެސް ލީގު ހޯދުމަށް، ކުރާ އެންމެ މުހިއްމު މަސައްކަތަކަށް ވެފައި އޮންނަނީ ދަގަނޑޭ ގެންދިޔުމެވެ.

އެންމެފަހުން ރާއްޖޭގެ ޗެމްޕިއަންކަން ހޯދި ޓީސީއަށް ބަލާލިއަސް ތަފާތަކަށް ފެންނަނީ އެ މަންޒަރެވެ. ދެވަނަ ޑިވިޝަންގެ ރަނަރަޕް ކަމާއެކު ޓީސީން ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަން ޕްލޭ އޯފްގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އައީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޓީސީން ކުރިއަރަމުން އައިސް، އެޓީމު ވަނީ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ތަށްޓަކަށްވެސް ވާދަކުރާ ޓީމަކަށް ވެފައެވެ.

ކްލަބު ގްރީން ސްޓްރީޓްސްއަށް ދަގަނޑޭ ސޮއި ކުރުން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

ޓީސީން ތަށްޓައް ވާދަކުރަމުން އައި ނަމަވެސް، ކޯޗު ނިޒާމް (ނިޒާމްބެ) ބުނެފައިވާ ގޮތަށް، "ވިނިން ފެކްޓާ"، ނޫނީ ތަށި ލިބުމުގެ އަސްލަކަށްވީ ދަގަނޑޭއެވެ.

މިދިޔަ އަހަރުގެ ފުޓުބޯޅަ ސީޒަންގައި 42 ގޯލް ޖެހި ދަގަނޑޭ ވަނީ ސީޒަންގެ ރަން ބޫޓުވެސް ހޯދައިފައެވެ. ރާއްޖޭގެ ތާރީހުވެސް ދުތް އެންމެ މޮޅު ކުޅުންތެރިޔާ، ދަގަނޑޭ ވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މިދިޔަ ސީޒަނުގައިވެސް ހޯދާ، ރެކޯޑު ފަސް ފަހަރު އެ މަގާމު ހޯދާފައެވެ.

ކްލަބު ގްރީން ސްޓްރީޓްސްއަށް ދަގަނޑޭ ސޮއި ކުރުން --- ވަގުތު އިމޭޖްސް/ އަމީން ހުސައިން ފަހުމީ

މުސާރައިގެ މައްސަލަ އެފްއޭއެމްއަށް ހުށަހަޅައިގެން، ނިއުގެ ކޮންޓްރެކްޓް މިދިޔަ ސީޒަންގެ މެދުތެރެއިން އެފްއޭއެމްއިން ދަގަނޑޭއަށް ބާތިލުކޮށްދިން އިރު، ދަގަނޑޭ ޓީސީއާ ގުޅުންވީ އެ ކްލަބަށް ޒަމާންވީ އިންތިޒާރަކަށް ނިމުން ގެނުވި ކަމަކަށެވެ. ކުރިއަށް އޮތް ސީޒަންގައި ދަގަނޑޭ ނުކުންނާނީ އިތުރު ޗެލެންޖަކާ އެކުގައެވެ.

ރޭ ކްލަބު ގްރީން ސްޓްރީޓްސްއަށް ދަގަނޑޭ ސޮއިކޮށްފައިވާ އިރު، އެ ކްލަބަކީވެސް މިހާތަނަށް ލީގު ހޯދާފައި ނުވާ ފުރަތަމަ ޑިވިޝަނަށް ޅަ ޓީމެވެ. އެހެން ނަމަވެސް ދަގަނޑޭއާއެކު ކްލަބުގެ އުންމީދު އާވާނެކަން ޔަގީނެވެ. ދަގަނޑޭއާއެކު މުހައްމަދު އުމައިރުވެސް އެ ކްލަބާ ގުޅިފައިވާ އިރު، އެންމެ ބޮޑު އިތުބާރަކަށް ވެގެންދާނީ އަލީ ސުޒޭނާގެ ކްލަބަށް އެ ނަތީޖާ ނުކުންނާނެކަން ތާރީހުން ފެންނަން އޮތް އޮތުމެވެ.

ރޭ ގްރީންއަށް ސޮއިކުރުމަށްފަހު ދަގަނޑޭގެ ޓްވިޓާގައި ބުނެފައި ވަނީ ކުރިއަށް އޮތް އާ ޗެލެންޖަށް ފޯކަސް ކޮށްގެން ހުރި ކަމަށެވެ. އަންނަން އޮތް ސީޒަނަށް ތައްޔާރު ކަމަށެވެ.