އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީ، ޔޫވީ ބަލިކޮށް، ކްލަބު ގްރީން ސްޓްރީޓްސްއިން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗު ގްރީންއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެ ގޯލްވެސް ގްރީންއަށް ޖަހައިދިނީ އަބްދުﷲ ޔާމީނެވެ.

ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކު ގްރީންއިން ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް އީގަލްސްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށެވެެ. އީގަލްސްއިން ފައިދާ ގޯލްގެ ތަފާތުން އެއްވަނައިގައި އޮތް އިރު، އެއް މެޗުވެސް އެޓީމަށް އަދި މަދެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް މާޒިޔާއާއި ހަތަރުވަނައިގައި އޮތް ކްލަބު އޭދަފުށި އަދި ޔޫވީއަށްވެސް ތިން ޕޮއިންޓް ލިބޭ އިރު، ތަފާތަކީ ފައިދާ ގޯލެވެ.

އެ ހުރިހާ ޓީމަކުވެސް ތިން މެޗު ކުޅެފައިވާ އިރު، ގްރޫޕް ސްޓޭޖުގައި އީގަލްސްއަށް ބާކީ ދެ މެޗު، އަދި ދެން އޮތް ކޮންމެ ޓީމަކަށް މެޗެއް އެބައޮތެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފް ފެނުނީ ވަނދުކޮށެވެ. ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނައިރެއް ނުވެ ގްރީންއިން ލީޑު ނެގިއެވެ. މިރާހު މުހައްމަދު ތަނަވަސްކޮށްދިން ބޯޅައަކާއެކު، ޔޫވީގެ ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ޔާމީން ނިންމާލީ ރީތި ނިންމުމެކެވެ.

ގައުމީ ސްކޮޑުންވެސް ޖާގަ ހޯދަމުން އަންނަ ޔާމީނަކީ ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް ކުޅުންތެރިޔާއެވެ. ސާފް ޗެމްޕިއަންޝިޕްގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނުނު ޔާމީން ވަނީ މިދިޔަ ސީޒަނުގައި ގްރީންގެ ސީނިއާ ޓީމުގެ މެޗުތައްވެސް ކުޅެފައެވެ.

ދެވަނަ ހާފްގައި ޔޫވީގެ ހަމަލާތައް ފެނުނު ނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ. މެޗު ނިމެން ދަނިކޮށް، ލިބުނު ޕެނެލްޓީގައި ޔާމީން ނަތީޖާ ފުޅާކޮށްދިނެވެ.

ގްރޫޕް ބީގައި މާޒިޔާއާއި އީގަލްސް ކުޅޭ މެޗު މިރޭ އޮންނާނެއެވެ. މިރޭގެ މެޗުން މޮޅުވެ އީގަލްސްއަށް ސެމީ ޔަގީން ކުރެވޭނެއެވެ.