ނ.ލަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޔޫ.ޓޫ.ޖޭ އެކަޑަމީގެ ކުޅިވަރު ފިއެސްޓަރ ފަށައިފިއެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ މި ފިއެސްޓަރ ގައި ބައިވެރިވަނީ އެ އެކަޑަމީގެ ދަރިވަރުންނެވެ. ލަންދޫގެ ކުޅިވަރަށް އަދި ޚާއްޞަކޮށް ފުޓުބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ލަންދޫއަށް އުފަން، ޔޫޞުފް ޢަބްދުއްރަޙީމާއި ޙުސައިން ޖަވާދު، އިސްކޮށް ހުންނަވާ ހިންގަމުން އަންނަ މި އެކަޑަމީގެ ކުޅިވަރު ފިއެސްޓާއާއި ގުޅޭ ތަފްޞީލީ މަޢުލޫމާތު "ވަގުތު" އާއި ވަނީ ޙިއްޞާކޮށްފައެވެ.

މިހަރަކާތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، މި އެކަޑަމީގެ އެއް ފައުންޑަރ މެމްބަރ، ޔޫޞުފް ޢަބްދުއްރަޙީމު ވިދާޅުވީ، މި ފިއެސްޓަރގައި ތިން ލެވެލް އެއްގެ ދަރިވަރުން ބައިވެރިވާނެ ކަމަށާއި، ތިން ލެވެލްއަށްވެސް، ކޮންމެ ލެވެލް އަކަށް ވަކިން، ފުޓުބޯޅަ އަދި ނެޓްބޯޅަ މުބާރާތެއް އޮންނާނެ ކަމަށެވެ.

"ތިން ލެވެލް އަކަށް ބަހާލައިގެން މި ފިއެސްޓަރ ކުރިއަށްދާނީ. ކައިރި ރަށްރަށުންވެސް މި ފިއެސްޓަރގަ ޓީމުތައް ބައިވެރިކުރުމަށް މަސައްްކަތް ކުރިން. އެކަމަކު ލަންދުއަށް އައިސް މަޑުކުރަންވީމަ، އޭގަ އުނދަގޫތަކެއް ދިމާވާތީ މި އަހަރު އެކަން ކުރެވޭގޮތް ނުވީ. އިދާރާކުރެއްވިއްޔާ އަންނަ އަހަރު އަޅުގަނޑުމެން އެ ފުރުޞަތު ހުޅުވާލާނަން." ޔޫޞުފް ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާދު ދެއްވަމުން ޔޫޞުފް ވިދާޅުވީ، މި ފިއެސްޓަރ ގައި ޖުމްލަ 195 ދަރިވަރުން ބައިވެރިވާނެ ކަމަށާއި، މި ފިއެސްޓަރ އަށް ލަންދޫގެ ބެލެނިވެރިން ދެއްވާ ތަރުޙީބަށް ނިހާޔަތަށް ޝުކުރު ދަންނަވާކަމަށެވެ

މި ފިއެސްޓަރ އާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، މި ހަރަކާތުގެ އިވެންޓް ކޯޑިނޭޓަރ ޢަބްދުﷲ ނާޝިދު ވިދާޅުވީ، މީގެ އެންމެ ބޮޑު ބޭނުމަކީ ރިވެތި އަޚުލާގުގެ ތެރެއިން ކުޅިވަރުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުން ކަމަށާއި، ރަނގަޅު ހުނަރުވެރި ކުދިންތަކެއް މުޖުތަމަޢަށް ނެރުން ކަމަށެވެ.

"އަޅުގަނޑުމެންނެ އެންމެ ބޮޑު އަމާޒަކީ ރިވެތި އަޚުލާގުގެ ތެރެއިން ކުޅިވަރުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުން. މިއީ ލަންދޫއަށް އައި ވަރަށް އުފާވެރި ޢީދެއް. މި ފިއެސްޓަރ ގައި ބައިވެރިނުވާ ކުއްޖަކު ލަންދުއަކު ނުހުންނާނެ. އިދާރާކުރެއްވިއްޔާ މި ދަރިވަރުންނަކީ ހުރިހާ ގޮތަކުންވެސް މުޖްތަމަޢު ބަލައިގަންނަ ކުދިންނަށް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން މި ކުރަނީ." ނާޝިދު ވިދާޅުވިއެވެ.

ޔޫ.ޓޫ.ޖޭ އެކަޑަމީގެ މެއިން ސްޕޮންސަރަކީ ހެޕީ މާރކެޓެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި، ދިރާގު، މަނަދޫ ނިއުވިއު އަދި ޓީ.ކިޔު.އައި ގެ ފަރާތުން ވަނީ އެހީތެރިކަން ވަނީ ފޯރުކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު