ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސީގައި ލެކްރޮސްއިން ފަސޭހަ މޮޅެއް ހޯދި އިރު، ފޮނަދޫ ޕޮލިސް، ފޮނަދޫ ވެޓެރަންސް، އެލްވައިއެމް އަދި މާންދުއިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އިއްޔެ ވަނީ ގްރޫޕް ސްޓޭޖުގެ ފަސް މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ގްރޫޕް ބީގެ އެފްސީ ގައިތަންޑޭ އަތުން އެލްވައިއެމް މޮޅުވީ 7-1ގެ ނަތީޖާއަކުންނެވެ. މެޗުގައި ގައިތަންޑޭގެ ފަރާތުން ބަލި ކުޅުމެއް ފެނިގެން ދިޔަ އިރު، އެލްވައިއެމްގެ ގޯލްތައް ޖެހީ ހަސަން ނިމާސް އަދި އަބްދުﷲ ނަސީރެވެ. އޭގެ ތެރެއިން ނިމާސް ވަނީ ފަސް ގޯލް ޖަހާފައެވެ. އަނެއް ދެ ގޯލް ޖެހީ އަބްދުﷲ ނަސީރެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ލެކްރޮސްއިން ޖީ ސްޓާ ބަލިކުރީ 7-1ގެ ނަތީޖާއަކުންނެވެ. ލެކްރޮސް ޓީމުން ރާއްޖޭގެ ފުޓްސަލްގައި ވިދަމުން އަންނަ އަލީ ހާފިޒް (ކުޑަ އައްޔަ)ގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިދިޔަ ސީޒަންގައި ކުޅުނު މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖޭނޭ) އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ އަހުމަދު އަމްޖަދު ފާހަގަކޮށް ލެވުނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޑަ އައްޔަގެ މޮޅު ހުނަރުތަކާއެކު ހަތަރު ގޯލް ޖެހި އިރު، އޭނާގެ އިތުރުން ގޯލްތައް ޖަހައިދިނީ ބާސިމް އަބްދުއް ސަމަދު، އިބްރާހީމް ފާޒިއު އަދި ޖޭނޭއެވެ.

މުބާރާތުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ރޭ ފޮނަދޫ ޕޮލިހުން ނިއު ހޯމް ސިޓީއާ ދެކޮޅަށް ނުކުތް އިރު، އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޕޮލިހެވެ. ޕޮލިހަށް މެޗު ތެރޭގައި ލިބުނު ދެ ޕެނެލްޓީން ދެ ގޯލް ޖެހި އިރު، އެ ދެ ގޯލްވެސް ޖަހައިދިނީ އާދަމް ވަޖީހެވެ.

އާދަމް ވަޖީހު ދެ ގޯލް ޖެހި އިރު، މެޗު ނިމެން ދަނިކޮށް، އޭނާއަށް ވަނީ ރަތް ކާޑުވެސް ދައްކާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ ގޯލްކީޕަރު އިބްރާހީމް އިދުރީހެވެ.

ގްރޫޕްގެ އޭގެ މެޗުތައްވެސް ރޭ ކުޅުފައިވެއެވެ. ކުއެންޓަމްއާ ފިއުޗާ ވެޓެރަންސްގެ މެޗު 2-0ގެ ނަތީޖާއަކުން ފިއުޗާ ވެޓެރަންސް ކާމިޔާބުކުރި އިރު، އެ މެޗަށް ނުކުުތް އިރު، ދެ ޓީމުވެސް އޮތީ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައެވެ.

ރޭގެ މެޗުގައި ފިއުޗާ ވެޓެރެންސްގެ ގޯލްތައް ޖަހައިދިނީ އަލީ ހުސައިންގެ އިތުރުން މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު ރިޝާނެވެ. އެ މެޗުން މޮޅުވެ ކުއެންޓަމްއަށް ކުއާޓާގެ ފުރުސަތު ހަނިވި އިރު، ފިއުޗާ ވެޓެރަންސް ވަނީ އުންމީދު އާކޮށްފައެވެ.

ގްރޫޕް އޭގައި އެމްއެންޑީއެފްއާއި މާންދޫ ރެކްރިއޭޝަން ފުޓްސަލް ކްލަބު ކުޅުނު މެޗުން މޮޅުވެ، މާންދުއިން ވަނީ ކުއާޓާއަށް އުންމީދު ބޮޑު ކޮށްފައެވެ. މި މެޗަށް ނުކުތް އިރު، ދެޓީމުންވެސް ފުރަތަމަ މެޗުން މޮޅުވެފައި އޮތް އިރު، ރޭގެ މެޗުން ނިމުނީ 4-3ގެ ނަތީޖާއަކުންނެވެ.

މާންދުއިން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް އަލީ ޝިނާޒް ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ގޯލް ކާމިޔާބުކޮށްދިނީ ޒައިދާން އަބްދުﷲ އާއި ހުސައިން ސުޒާނެވެ. އެމްއެންޑީއެފްގެ ގޯލްތައް ކާމިޔާބުކޮށްދިނީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެމުން އަންނަ އަލީ ސާމިސް (ތޮއްޕެ)ގެ އިތުރުން މުހައްމަދު ނިޒާމް (ޕީކޭ) އަދި އަލީ ނާޝިދެވެ.

މިއަދުގެ މެޗުތައް:

16:15 - އެފްސީ ގައިތަންޑޭ - ބަނޑު އެފްސީ

17:30 - އެލްވައިއެމް - ޔޫތު އެކަޑެމީ

20:30 - ޖީ ސްޓާ - ޝަބްނަމީ ކަނެކްޓް

21:30 - ފޮނަދޫ ޕޮލިސް - ބަރާސިލް އެފްސީ

22:30 - އެމްއެންޑީއެފް - ކުއެންޓަމް