މެންޗެސްޓާ ޔުނައިޓެޑުން 1998-99 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ކުޅޭ ހާއްސަ މެޗުގައި ޔުނައިޓެޑްގެ ކޯޗަކަށް ހުންނާނީ ސާ އެލެކްސް ފާގަސަން ކަމަށް ކްލަބުން ބުނެފިއެވެ.

އެ އަހަރުގެ ސީޒަނުގައި ޔުނައިޓެޑުން ވަނީ ޓްރެބަލް ހޯދާފައެވެ. މީގެ 20 އަހަރު ކުރީގެ ސީޒަނުގެ ހަނދާނުގައި ޔުނައިޓެޑުގެ ލެޖެންޑުންނާއި ބަޔާން މިއުނިކްގެ ލެޖެންޑުން ވާދަކުރާ އިރު، 1999 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުނައިޓެޑުން ނުކުތީވެސް ބަޔާންއާ ދެކޮޅަށެވެ.

މޭ 26 ވަނަ ދުވަހު އޮންނަ މެޗުގައި ޔުނައިޓެޑްގެ ބެންޗުން ފާގަސަން ފެނިގެންދިޔުން ވެގެންދާނީ ކްލަބުގެ ސަޕޯޓަރުންނަށް ބޮޑު ދުވަހަކަށެވެ. ޔުނައިޓެޑުން ފާގަސަން ދިޔަ ފަހުން ދުވަސްތަކެއް ވެފައިވާ އިރު، ކްލަބަށް އަދިވެސް އެންމެ އެދެވޭ ނަތީޖާ ނެރެވެން ފަށާފައެއް ނުވެއެވެ. އަދި ދާދިފަހުން ފާގަސަންއަށް އެމަޖެންސީ ހާލަތެއް ދިމާވެ، ސާޖަރީވެސް ހަދާފައިވާ އިރު، އޭނާ އެނބުރު ދަނޑު މައްޗަށް އެރުން ވެގެންދާނީ ފުޓުބޯޅައިގެ ގިނަ ބަޔަކަށް އުފާވެރިކަން ގެނުވާނެ ކަމަކަށެވެ.

ޔުނައިޓެޑާއި ބަޔާން ވާދަކުރާ މެޗުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ ޔުނައިޓެޑްގެ ޗެރިޓީ ފައުންޑޭޝަނަށެވެ.

ކިޔުންތެރިންގެ ހިޔާލު