ނ.ލަންދޫގައި ހިންގާ ޔޫ.ޓޫ.ޖޭ އެކަޑަމީގެ ފުރަތަމަ ކުޅިވަރު ފިއެސްޓާރގެ ފުޓުބޯޅަ މުބާރާތުގެ ނިމުން ފާގަހަކޮށްފިއެވެ.

ފުޓުބޯޅަ މުބާރާތް ނިންމުމުގެ ގޮތުން އިއްޔެ ލަންދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރާއްޖޭގެ ފުރަތަމަ ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުޣަނީއެވެ.

މި މުބާރާތުގެ އެކިއެކި ވަނަތަކަށް ހޮނުވު ދަރިވަރުންނަށް، ޓްރޮފީއާއި ހަނދާނީ ލިޔުން ދިނުމުގެ އިތުރުން، މުބާރާތުގައި ބައިވެރިވި ލެވެލް އެކެއްގެ ކޮންމެ ދަރިވަރަކަށް މެޑެއްޔެއް ވަނީ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އައްސަދު ވިދާޅުވީ، ލަންދޫގެ ދެ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މި އެކަޑަމީއަކީ ކުރިމަގު އޮތް އެކަޑަމީއެއް ކަމަށް ޤަބޫލުކުރާ ކަމަށާއި، އެކަމަށްޓަކައި އެ ދެ ޒުވާނުންނަށް ޚާއްޞަ ޝުކުރެއް އަދާކުރާކަމަށެވެ.

"އަޅުގަނޑުމެންގެ ތުއްތު ކުދިންނަށްޓަކައި ތިޔަ ކޮށްދެއްވާ ބުރަ މަސައްކަތް ހަމަ ހަޤީޤަތުގައިވެސް އަޅުގަނޑުމެން ފާހަގަކުރަން. އިދާރާކުރެއްވިއްޔާ މިއީ ކުރިމަގު އޮތް އެކަޑަމީއެއް. މިކަމުގެ ސަބަބުން މިކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ލިބިގެންދާނެ. އަދި ކުރިއަށްއޮތް ތަނުގައި ކުޅިވަރުގެ އެކި ހުނަރުތައް މި ކުދިންގެ ފަރާތުން ފެނިގެންދާނެ." އައްސަދު ވިދާޅުވިއެވެ.

ޔޫ.ޓޫ.ޖޭ އެކަޑަމީގެ ކުޅިވަރު ފިއެސްޓާރ ތެރޭގައި ހިމެނޭ ނެޓްބޯޅަ މުބާރާތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އެކަޑަމީއަކީ، ލަންދޫއަށް އުފަން ދެ ބޭފުޅުން ކަމަށްވާ، ޔޫޞުފް ޢަބްދުއްރަހީމާއި ޙުސަން ޖަވާދު އިސްކޮށް ހުންނަވައި ހިންގަމުން އަންނަ އެކަޑަމީއެކެވެ. އަދި ކުދިއަށް އޮތް ތަނުގައި މި އެކަޑަމީގެ ކުޅިވަރު ފިއެސްޓާރތަކުގައި ރަށުން ބޭރުން ޓީމުތައް ބައިވެރިކުރުމުގެ ފުރުޞަތުވެސް ހުޅުވާލާނެކަމަށް އެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު