ލ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބާއި މެދުއަވަށު ޒުވާނުން އިންތިޒާމް ކޮށްގެން ބާއްވާ، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސްޓޭޖު ނިމި، ކުއާޓާ ފައިނަލަށް ޓީމުތައް ތައްޔާރުވެއްޖެއެވެ.

ޖުމްލަ 14 ޓީމު ބައިވެރިވި އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށް ގޮސްފައި ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައްވެސް ފޯރިގަދަކޮށް ފާހަގަކޮށްލެވުނު އިރު، މުބާރާތުގައި ފުޓްސަލްގެ މަޝްހޫރުތަރިން ފެނިގެންދެއެވެ. އެގޮތުން އަލީ ހާފިޒް (ކުޑަ އައްޔަ)ގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިދިޔަ ސީޒަންގައި ކުޅުނު މިޑްފީލްޑަރު އަބްދުﷲ ޖުނައިދު (ޖޭނޭ) އަދި ފުޓްސަލްގައި ފާހަގަކޮށްލެވޭ އަހުމަދު އަޖުވަދާއި، ހުސައިން ޝަރީފް (އޮންލީ) އަދި އަހުމަދު ނާޝިދު (ނާއްޓޯ)ވެސް މުބާރާތުގައި ފާހަގަކޮށްލެވުނެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ފަށާނީ ހަވީރު 5:00ގައެވެ. މުބާރާތުގެ ކުއާޓާ މެޗުތައް މިރޭ ނިމޭ އިރު، ސެމީ ފައިނަލް ދެ މެޗު މާދަމާ ރޭ އޮންނާނެއެވެ.

ފޮނަދޫ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނާއަކީ “ވަގުތު”އެވެ.ކުއާޓާ ފައިނަލް މެޗުތައް:

17:00 މާންދު - ޝަބްނަމީ ހޯލްޑިންގްސް

21:30 ބަނޑު އެފްސީ - ބަރާސިލް އެފްސީ

22:00 ފޮނަދޫ ޕޮލިސް - އެލްވައިއެމް