ބީއެމްއެލްއިން ރާއްޖޭގެ ގައުމީ ޓީމަށް ޖާޒީ ފަރުމާކުރުމަށް ހުޅުވާލި ފުރުސަތުގައި، ހުށަހެޅި ޑިޒައިންތަކުގެ ތެރެއިން އެއްވަނަ ހޯދި ޑިޒައިނަށް ފަރުމާ ކޮށްފައިވާ ޖާޒީ މިއަދު ދައްކާލައިފިއެވެ.

މިއަދު ބީއެމްއެލްއިން ގައުމީ ޓީމުގެ އާ ހޯމް އަދި އަވޭ ޖާޒީވެސް ދައްކާލާފައިވެއެވެ. 100 އެއްހާ ފަރާތްތަކުން ގައުމީ ޓީމުގެ އާ ޖާޒީއަށް ޑިޒައިން ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ހޮވިފައި ވަނީ ޝާޒިފް އާދަމްގެ ޑިޒައިނެވެ. އެ ޑިޒައިނުގައިވާ ހޯމް ޖާޒީގައި ރަތް ކުލަ އެކުލެވޭ އިރު، މަހުގެ ހުޅުނބުތަކެއް ކަހަލަ ގޮތަކަށް ޖާޒީގެ މަތިން ޑިޒައިން ކޮށްފައިވެއެވެ. އަދި އަވޭ ޖާޒީގައި މޫދާއި ކަނޑު ރަމްޒުވާ ގޮތަށް ޑިޒައިން ކޮށްފައިވެއެވެ.

ބީއެމްއެލްއިން މިއަދު ޖާޒީގައި އާ ޑިޒައިން ދައްކާލާފައިވާ އިރު، އެ ޖާޒީއަކީ އަންހެން ޓީމާއި ފިރިހެން ޓީމުންވެސް ބޭނުންކުރާނެ ޖާޒީއެވެ. ރާއްޖޭގެ ގައުމީ ޓީމުގެ އާ ޖާޒީގައި ފުރަތަމަ މެޗެއް ކުޅޭނީ އަންހެން ޓީމެވެ. މިއަދު އޮންނަ ސާފް ސުޒުކީ ކަޕްގެ މެޗުގައި އަންހެން ޓީމުން އިންޑިއާ ދެކޮޅަށް ނުކުންނާނީ އާ ޖާޒީގައެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ ގައުމީ ޓީމުގެ ރަސްމީ ސްޕޮންސާއެވެ.