އެފްއޭއެމުން ނޮމިނޭޓްކުރި މަރިޔަމް މުހައްމަދު (މާޔަން) އަށް އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ ގޮނޑި ނާކާމިޔާބު ވެއްޖެއެވެ.

މެލޭޝިއާގައި މިއަދު ބޭއްވުނު އޭއެފްސީގެ އިންތިހާބުގައި އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި ކާމިޔާބުކުރެއްވީ ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އެވެ. މަހްފޫޒާ ވަނީ ޒޯންތަކުން ހޮވުނު މެމްބަރުންގެ ތެރެއިން ފީފާ ކައުންސިލަށް ވެސް ހޮވިފައެވެ. ބަންގްލަދޭޝް ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް ފާޑު ވިދާޅުވެގެން މަހްފޫޒާ ވަނީ ދާދި ފަހުން ޖަލުގައި ބަންދުކޮށް އަދި މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އަދި މިހާރު އޭނާ އަކީ އެ ގައުމުގެ ސީނިއާ ފުޓްބޯޅަ އެޑްމިނިސްޓްރޭޓަރެކެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ މާޔަން އަށް ގޮނޑި ކާމިޔާބުނުވުމަކީ މާޔޫސްކަމެއް ކަމަށާއި، އެކަމަކު ހާލަތާ ބަލާއިރު އެކަށީގެންވާ ތާއީދެއް ލިބުނު ކަމަށާއި އެއާ އެކު ކުރިއަށް އޮތްތަނާ މެދު އުއްމީދު އެބައޮތް ކަމަށެވެ.

އޭއެފްސީގެ ރައީސްގެ މަގާމް މިހާރު ވެސް ހަވާލުވެގެން ހުރި ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އަށް ވަނީ އިންތިހާބުގެ ކުރިން ކަށަވަރުވެފައެވެ. ސަބަބަކަށް ވެފައިވަނީ އޭނާ އާއި ވާދަކުރައްވާނެ އިތުރު ކެނޑިޑޭޓެއް ނެތުމުންނެވެ. އޭނާ އާއި ވާދަ ކުރައްވަން އުޅުއްވި ކެނޑިޑޭޓް ވަނީ ނަން އަނބުރާ ނަންގަވާފައެވެ.

މިއީ ފާއިތުވި 8 އަހަރުގެ ތެރޭގައި ރާއްޖޭގެ މެމްބަރަކު ނެތި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބުވި ފުރަތަމަ ފަހަރުވެސްމެއެވެ. ނިމުނު ދައުރުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އަދި އޭގެ ކުރީ ދައުރުގައި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވަނީ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރައްވައިފައެވެ.

އެފްއޭއެމުން އެ ކޮމިޓީއަށް މިފަހަރު ނޮމިނޭޓް ކުރި މާޔަން ވަނީ އެ އެސޯސިއޭޝަނުގެ ވިމެންސް ފުޓްބޯޅަ ޑިޕާޓްމަންޓުގައި އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަންހެނުންގެ ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވަން ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.

މާޔަން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްދީފައެވެ. އަދި މީގެ ކުރިން އޭއެފްސީ ވިމެންސް ކޮމިޓީގައި ވެސް މަސައްކަތްކޮށްދީފައެވެ. އަދި 2003 ވަނަ އަހަރު ވިމެންސް ފުޓްބޯލް ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި އެފްއޭއެމްއާ އެކު ގިނަ މަސައްކަތެއް ފަށައި، ގިނަ އަހަރުތަކެއް ފަހުން އެފްއޭއެމްއާ ދުރަށް ދިޔަ ނަމަވެސް އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އެކި މަސައްކަތްތަކެއް އޭނާ ވަނީ ކޮށްދީފައެވެ.

މާޔަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނިއު ރޭޑިއަންޓްގެ އަންހެން ފުޓްބޯޅައިގެ ހެޑްގެ މަގާމުންނެވެ. އެކަމަކު ރާއްޖޭގައި އަންހެން ފުޓްބޯޅަ މުބާރާތެއް ރަސްމީ ސިފައެއްގައި ބާއްވާފައިނުވާތީ އެ ޓީމުގައި މާޔަން އަށް މާ ބޮޑު މަސައްކަތެއް އަދި ނުކުރެވެއެވެ

ރާއްޖޭގައި ފަހަކަށް އައިސް އަންހެން ފުޓްބޯޅަ ދަނީ ބައިނަލްއަގްވާމީ ލެވެލްގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންނެވެ. އެފްއޭއެމްއިން އަންނަނީ ގައުމީ އަންހެން ޓީމް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަންނަ އަހަރު އަންހެން ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށް ވަނީ ރާވައިފައެވެ. އަދި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ފަހަކަށް އައިސް އަންހެން ފުޓްބޯޅަ ޓީމު އަންނަނީ ވާދަކުރަމުންކަމަށް ވެސް ފާހަނގަ ކޮއްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު