ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ޗެކްރިޕަބްލިޕްގެ ނޭޝަނަލް ޓީމަށް ކުޅެމުން އަންނަ ކުޅުންތެރިޔާ ޖޯސެފް ސޫރަލް މަރުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ސޫރަލް މަރުވީ، އޭނާއާއި އެކުވެރި އިތުރު ފުޓުބޯޅަ ކުޅުންތެރިންތަކަކާއި އެކު ތުރުކީގައި ދަތުރުކޮށްފައި ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާއާއި ގުޅިގެން އިމަޖެންސީ ސާޖާރީއެއް ކުރަމުން ދަނިކޮށެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ، ސޫރަލް އޭނާގެ ޓީމްމޭޓުންނާއެކު މެޗެއް ކުޅެ ނިންމާފައި އެނބުރި ގެޔަށް ދިޔަ މަގުމަތީގައި އެމީހުން ދަތުރުކުރި އުޅަނދު އެކްސިޑެންޓް ވެގެން ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ. އެމީހުން ދަތުރު ކުރީ ވީއައިޕީ މިނީ ބަހެއްގައި ކަމަށް ވެއެވެ.

މި ހާދިސާގައި އަނިޔާވި އެހެން ކުޅުންތެރިންގެ ތެރޭގައި، އިންގްލޭންޑް އިންޓަނޭޝަނަލްގެ ސްޓީވަން ކައުލްކާ އާދި، ކުރިން ނިއުކާސަލް ޔުނައިޓެޑްގެ ސްޓްރައިކަރ ޕަޕިސް ކެސީ ހިމެނެއެވެ. މީގެ އިތުރުންވެސް އިތުރު ހަތަރު ކުޅުންތެރިއަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ސިއްހީ އިދާރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ސޫރަލް އާއި އިތުރު ކުޅުންތެރިންތަކެއް އެކްސިޑެންޓުވިއިރު ތިބި މިނީ ބަސް

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށްޓަކައި ތުރުކީގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ތަހުޤީޤެއް ފަށައިގެން ކުރިޔަށްދާއިރު، ބައެއް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ އެމީހުން ދަތުރުކުރި ބަސް އެކްސިޑެންޓުވީ ޑްރައިވަރަށް ނިދުމުގެ ސަބަބުން ކަމަށެވެ. އަދި އޭގައި އެވަގުތު އިތުރު ޑްރައިވަރެއް ވެސް އިން ކަމަށާއި، އޭނާއަށްވެސް ނިދުނީ ކަމަށް ބެލެވިފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

އެކްސިޑެންޓުގައި މަރުވި ޗެކް ރިޕަބްލިކްގެ ޤައުމީ ޓީމުގެ ފޯވާޑު ސޫރަލް ޤައުމީ ޓީމުން ޖާގަ ހޯދާފައި ވަނީ 2013 ވަނަ އަހަރުއެވެ. މި ހާދިސާ އާއި ގުޅިގެން ސޫރަލްގެ ފޭނުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު