ސްޕެއިންގެ ލެޖެންޑަރީ ގޯލްކީޕަރު އީކާ ކަސިލަސްއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.

"މިރޯ"އިން ބުނެފައިވާ ގޮތުގައި ކަސިލަސްއަށް ހާޓް އެޓޭކެއް ޖެހުމާއެކު އެމަޖެންސީގައި ގެންގޮސް ވަނީ ފަރުވާ ދޭން ފަށާފައެވެ. ޕޯޓޯއިން ވަނީ ޓީވީއައިއަށް އެކަން ޔަގީން ކޮށްދީފައެވެ. އެ ކްލަބުން ބުނެފައި ވަނީ ކަސިލަސްގެ ހާލު އެންމެ ރަނގަޅު ނޫން ނަމަވެސް، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

ލަފާކުރެވޭ ގޮތުގައި މި ސީޒަންގެ އެއްވެސް މެޗެއް ދެން ކަސިލަސް ނުކުޅޭނެއެވެ.

ސްޕެއިންއާއެކު ވޯލްޑް ކަޕްގެ އިތުރުން ދެފަހަށް ޔޫރޯވެސް ހޯދާފައިވާ ކަސިލަސްއަކީ ދުނިޔެ ދުތް އެންމެ ކާމިޔާބު އެއް ގޯލްކީޕަރެވެ. އޭނާ ވަނީ ކްލަބު ލެވެލްގައިވެސް ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ރެއާލް މެޑްރިޑާއެކު އެތައް ދުވަހެއް ހޭދަކޮށް، އޭނާ ވަނީ ކްލަބުގެ ރަން ތާރީހުން ޖާގަ ހޯދާފައެވެ. ރެއާލް ދޫކޮށް ކަސިލަސް ޕޯޓޯގައި ކުޅެމުންދާ އިރު، އޭނާގެ އުމުރުން މިހާރު 37 އަހަރެވެ.

ކަސިލަސްއަކީ ދެކުދިންގެ ބައްޕައެކެވެ. ޓީވީ ޕްރެސެންޓަރު ސާރާ ކާބޮނޭރާއާ އިނދެގެން، އެ ދެމަރިންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު