ލިއޮނަލް މެސީއާ ނުލާ ކުޅެ އިޓަލީގެ މައްޗަށް 0-2 އިން އާޖެންޓީނާ އިން ރޭ ކުރި ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީގެ "އިއްތިހާދު ސްޓޭޑިއަމް" ގައި ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި މެސީ ކުޅެފައި ނުވަނީ އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި އާޖެންޓީނާ އިން ވަނީ އިޓަލީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ޑިމަރިޔާ އާއި އޮޓެމެންޑީ އަދި ހިގުއައިން ފޮނުވާލި ހަމަލާތަށް އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ވަނީ ދިފާއުކޮށްފައެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު އިޓަލީގެ އިންސިންޔޭ އަށް ވަނީ ގޯލްޖަހާނެ މުޅިން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އާޖެންޓީނާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

މި ހަމަލާއަށްފަހު ވެސް އިޓަލީ އިން އާޖެންޓީނާގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާ އެއް ފޮނުވާލިއިރު އެ ހަމަލާތަށް އެޓީމުގެ ގޯލްކީޕަރު ކަބަލޭރޯ ވަނީ ދިފާއުކޮށްފައެވެ.

ގޯލްޖަހަން އިޓަލީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 75 ވަނަ މިނެޓްގައި އާޖެންޓީނާ އިން ލީޑު ނެގުމެވެ. މި ގޯލު އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު އެވަ ބަނޭގާއެވެ. އަދި އާޖެންޓީނާ އިން އުފެއްދި ކައުންޓަރ އެޓޭކެއްގައި މެޗުގެ 85 ވަނަ މިނެޓްގައި ލަންޒީނީ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ ލަންޒީނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

އާޖެންޓީނާ ރޭ މޮޅުވިއިރު އަންނަ އަންގާރަ ދުވަހުގެރޭ ވެސް އެޓީމުން އެކުވެރިކަމުގެ މެޗެއް ކުޅޭނެއެވެ. އެ މެޗުގައި އާޖެންޓީނާ ބައްދަލުކުރާނީ ސްޕެއިންއާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަފާ

    ތިޖެން ބުނި އިރު އިޓަލީގަ ވަކި ކޮންބައެއް ތިބީ؟ 26 26 އަހަރިގެ ބުއްބޯ ކުދިންކޮޅެއް އެންމެ 3 ކުޅުންތެރިން ފިޔަވާ

  2. ތިޔޭ އެއްކަލަ

    ދެން އެވަރުން ނުވެގެން ތިއްބަސް ދެން އިޓަލީގަ ތިބޭނީ ބޮލުގަ ނުރަ ޖަހައިގެން ގޮސް ގައިގެ ބާރު ދޫ ވެފަ ހުރި ކުޅުންތެރިން. އެވަރު ބަޔެއް ކައިރިން ވަރަށް މޮޅު ތިވީ.

  3. ތިޔޭ އެއްކަލަ

    އަނެއްކޮޅުން ތި ދައްކަނީ ވޯލްޑް ކަޕްއަށް ކޮލިފައިވެސް ނުވާ ބަޔެއްގެ ވާހަކަ،