ރޯދައާ ދިމާކޮށް، މެންޗެސްޓާ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ އުމްރާއަށް ގޮސްފިއެވެ.

އާންމުކޮށް ސީޒަން ނިންމާލުމަށްފަހު އުމްރާއަށް ދާ ކުޅުންތެރިއެއްގެ ގޮތުގައި ޕޮގްބާ ފާހަގަކޮށްލެވޭ އިރު، އޭނާ މިފަހަރު އުމްރާއަށް ގޮސްފައި ވަނީ ފްރާންސްގެ ޑިފެންޑަރު ކޯޓު ޒޫމާއާވެސް އެކުގައެވެ. ދެމީހުންވެސް ހިއްސާކޮށްފައިވާ ފޮޓީ ކައުބަތުﷲ ގެފުޅު ފެންނަން ހުރި އިރު، ޕޮގްބާ ބުނެފައި ވަނީ "ހަޔާތުގައި ކުރަން ހުންނަ އެންމެ މުހިއްމު ކަންކަން ހަނދާން ނައްތާ ނުލުމަށެވެ."

މިދިޔަ ސީޒަނަކީ ޕޮގްބާއަށް އެންމެ ކާމިޔާބު ސީޒަނެއް ނޫނެވެ. ޔުނައިޓެޑުން ހަވަނައިގައި ސީޒަން ނިންމާލި އިރު، ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ހާއްސަކޮށް ސީޒަންގެ ކުރީކޮޅުގައި ޔުނައިޓެޑަށް ކޯޗުކަން ކޮށްދިން ހޯޒޭ މޯރިނިއޯއާ ޕޮގްބާއާ ދެމެދު މައްސަލަތަކެއް ޖެހި، ޕޮގްބާ ވަނީ ފުރަތަމަ 11އިންވެސް ބޭރު ކޮށްފައެވެ.

މޮރީނިއޯ ފޮނުވާލުމަށްފަހު ޓީމަށް ގެނައި އޮލި ގުނަ ސޮލްސްޖާގެ ފުރަތަމަ ދުވަސް ކޮޅުގައި ޕޮގްބާ ރަނގަޅު ފޯމެއްގައި ފެނުނު ނަމަވެސް، ފަހުން ފެނުނީ ދަށްކޮށެވެ. ޕޮގްބާގެ މަސައްކަތު ރޭޓާ މެދު ސޮލްސްޖާ ސުވާލު އުފައްދާފައިވާ އިރު، ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަން އުޅޭ ވާހަކަތައްވެސް ދެކެވުނެވެ. އެހެން ނަމަވެސް އޭނާގެ އެޖެންޓްވެސް ރައޯލާވެސް ހުރި ޓްރާންސްފާ ސީޒަން ނިމެންދެން ސަސްޕެންޝަނުގައެވެ.