ޖަރުމަންވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ބަސްޓިއަން ޝްވެރިންސްޓެއިގާރ ސްވިޑެންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އެމެރިކާގެ އެމް.އެލް.އެސްއަށް ބަދަލުވި ބަދަލުވުމަށް މަރުހަބާކިޔައި އިބްރަހިމޮވިޗް އޭނާގެ ފަހަތުން ދުވާ ދުވުން ހުއްޓާލުމަށް ބުނެފިއެވެ. އިބްރަހިމޮވިޗްއަށް މަރުހަބާކިޔަމުން ޝްވެރިންސްޓެއިގާރ ވަނީ އެންމެ ފުރަތަމަ އޭނާގެ ފަހަތުން ޔުނައިޓެޑަށް އިބްރަހިމޮވިޗް ދިޔަކަމަށް އަދި މިހާރު އެމް.އެލް.އެސްއަށްވެސް އައީކަމަށް ބުނެ އިބްރަހިމޮވިޗްއަށް ހުނު މަރުހަބާއެއް ކިޔައިފައެވެ.

ސަމާސާއެއްގެ ގޮތުގައި ޝްވެއިންސްޓެއިގާރ ބުނި އެ ބަސްތަކަށް އަދި އިބްރަހިމޮވިޗްގެ ފަރާތުން ރައްދެއް ލިބިފައެއް ނުވެއެވެ. އިބްރަހިމޮވިޗް އަދި ޝްވެއިންސްޓެއިގާރ ވަނީ އެކުގައި މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެދީފައެވެ. އިބްރަހިމޮވިޗް ޔުނައިޓެޑް ދޫކޮށް އެލް.އޭ ގެލެކްސީއަށް ބަދަލުވުމަށްފަހު އޭނާ ވަނީ އެމް.އެލް.އެސްގައި ކާމިޔާބު ހޯދުމަށް އޭނާ ވަރަށް އެދޭކަމަށާއި އަދި އޭނާ އެމެރިކާއަށް އައި ހަމައެކަނި ސަބަބަކީ ފުޓުބޯޅަ ކުޅުމަށްކަމަށާއި އަދި އެކަން ކޮށް ކާމިޔާބު ހޯދުމަށް އޭނާ ހުރީ ކެތްމަދުވެފައިކަމަށް ބުނެފައެވެ.

ޝްވެއިންސްޓެއިގާރ އަކީ ޖަރުމަންވިލާތާއިއެކު އެންމެ ފަހުން އޮތް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ދުނިޔޭގެ އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. އޭނާ މިހާރު ކުޅެމުންދަނީ އެމެރިކާގެ ޝިކާގޯ ފަޔާރ ކުލަބަށެވެ. ޝްވެއިންސްޓެއިގާރ އާއި އިބްރަހިމޮވިޗްއަކީ ގާތް ދެ އެކުވެރިންނެވެ. އިބްރަހިމޮވިޗް އާއި ޝްވެރިންސްޓެއިގާރ މެޗެއްގައި ކުރިމަތިލާންޖެހުމުގެ ފުރުސަތެއް މިހާރު އޮތްއިރު އިބްރަހިމޮވިޗް ވަރަށް އަވަހަށް މެޗުތަކުން ފެނިގެންދާނޭކަމަށްވެސް ވަނީ ބެލެވިފައެވެ. އިބްރަހިމޮވިޗްއަކީ ފުޓުބޯޅައިގެ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާއިއެކު އެންމެ ބޮޑު ކުލަބުތަކަށް ކުޅެ މުޅިއަކު 33 ތަށި ކާމިޔާބުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު