ގްރީން ސްޓްރީޓްސްގެ ފޯވަޑް އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)އަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްދެވޭ ނަމަ، އޭނާ އަދިވެސް ނަތީޖާ ނެރޭނެ ކަމަށް ކޯޗު އަލީ ސުޒައިން ބުނެފިއެވެ.

ގްރީންއިން މިރޭ ޗެމްޕިއަން ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ނުކުންނަ އިރު، ގްރީންއަށް އޮތް މައްސަލައަކީ ގޯލް ނުޖެހުމެވެ. ގްރީންއަށް އަދި މޮޅެއް ނުލިބި އޮތް އިރު، ކޯޗު ސުޒޭން ބުނެފައި ވަނީ އެކަމާ މާ ބޮޑު ކަންބޮޑުވުމެއް އަދި ނެތް ކަމަށެވެ. އަދި ދަގަނޑޭއަށް ރަނގަޅު ސަޕްލައިއެއް ކޮށްދެވިއްޖެ ނަމަ، ނަތީޖާ ނެރެވޭނެ ކަމަށްވެސް ކޯޗު ސުޒޭން ބުންޏެވެ.

"ކުޅެނީ މިހާރު ލީގުގައި ހުރި އެންމެ ވަރުގަދަ ޓީމުތަކާ. އަދި ގޯލް ނުޖެހިގެން އެކަމަކަށް މާ ބޮޑަކަށް ނުވިސްނަން. އަދި މި ވިސްނަނީ ބްރޭކްފަހުން ރަނގަޅު ކޮށްލައިގެން ނުކުންނަން. އެޓޭކް އަދި މިއަށްވުރެވެސް ރަނގަޅު ކުރެވޭނެ. ކޮމްބިނޭޝަން އެއްޗެހީގައި އެބައުޅޭ މައްސަލަ. ދަގަނޑޭއަށް ބޯޅަ ސަޕްލައި ކުރެވޭލެތް ތަންކޮޅެއް މަދު ކަމަށް ފާހަގަކުރެވެނީ. ރަނގަޅު އެއްޗެއް މަދުން ލިބެނީ. ދެ މަޗަށް ބަލާއިރުވެސް ދަގަނޑޭއަށް ލިބޭ ބޯޅަތައް މަދުކޮށް މި ފެންނަނީ. ކޮންމެ ގޮތެއް ވިޔަސް ދަގަނޑޭއަކީ ގްރީންގެ ޓާގެޓް މޭން. އަދި ދަގަނޑޭއަށް ރަނގަޅު ބޯޅަތަކެއް ލިބެންޏާ މިތަނުގައި މިއުޅޭ ކޮންމެ ޑިފެންޑަރެއް ކައިރިންވެސް އޭނާ ނަތީޖާ ނެރޭނެ،" އުމުރުން 33 އަހަރުގެ ދަގަނޑޭއަށް ތައުރީފް ކުރަމުން ސުޒޭން ފާހަގަކުރިއެވެ.

ސުޒޭން ބުނެފައި ވަނީ ޓީސީ އިތުރަށް މެޗުތަކެއް ކުޅެފައިވުމުން، އެކަމުގެ ވަރުބަލިކަން ޓީސީއަށް އިހުސާސް ކުރެވިފައިވާކަމަށް ޓީސީގެ ކޯޗުވެސް ފާހަގަކޮށްފައިވާ ކަމަށާއި، އެއީ ގްރީންއަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ.

"ޓީސީ ވަރަށް ގިނަ މެޗުތަކެއް ކުޅެފައި އައިސް މި ކުޅެނީ. އެހެންވީމާ ކޮންމެ ގޮތެއް ވިޔަސް، އެޑްވާންޓޭޖްތަކެއް މި އޮތީ ގްރީންއަށް. ޓީސީ ކޯޗުވެސް ފާހަގަ ކޮށްފައި އެބައޮތް ވަރުބަލިވުމާ ކަންކަން ހުރިކަން. އެހެންވީމަ ގްރީންއަށް މި މެޗު ރަނގަޅުވާނެ،" ސުޒޭން ބުންޏެވެ.