އެންމެ ފަހުގެ ލަލީގާ ޗެމްޕިއަނުން ކަމުގައިވާ ބާސެލޯނާ އިން މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓާ ލިންޑެލޮފް އަށް ޝައުގުވެރިވާ ކަން އޭނާގެ އޭޖެންޓް ހާމަ ކޮށްފިއެވެ.

ބާސާ އިން ލިންޑެލޮފް އަށް ޝައުގުވެރި ވިނަމަވެސް، އެ ކްލަބުން އޭނާ ބަހައްޓާފައި ވަނީ އަޔަކްސްގެ ސެންޓާ ބެކް މެތިއެސް ޑިލިޓްސް ނުލިބިއްޖެ ހާލަތެއްގައި ބެކްއަޕެއްގެ ގޮތުގައި ބޭނުން ކުރާށެވެ. ޑިލިޓްސް މި ފެށޭ ސީޒަނުގައި ފެނުން އެންމެ ގާތީ ޔުވެންޓަސް އިން ކަމުގައި ވާއިރު، ޔުނައިޓެޑުން ވަނީ ލިންޑެލޮފް ދޫކޮށް ނުލާނޭކަން ހާމަ ކޮށްފައެވެ.

ފެށޭ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔުނައިޓެޑުން ބާއްވާ ޕްރީ ސީޒަން ޓުއާގައި އެ ކްލަބުން ބައިވެރިވި 28 ކުޅުންތެރިންގެ ތެރޭގައި ލިންޑެލޮފްވެސް ހިމެނެއެވެ. އެ ކްލަބުން މިހާރު އޮސްޓްރޭލިއާގައި ތަމްރީންތައް ހަދަމުން އަންނަ އިރު، ހޮނިހިރު ދުވަހު އެ ޤައުމުގެ ޕާތް ގްލޮރީ އާއި އެކު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުން ސިންގަޕޫރުގައި އިންޓަ މިލާން އާއި ދެކޮޅަށް ކުޅެ، ޗައިނާގައި ޓޮޓެންހަމް އާއި ދެކޮޅަށްވެސް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ބާސާ އިން ލިންޑެލޮފް އަށް ޝައުގުވެރިވާ އިރު، ޔުނައިޓެޑުގެ ތަރި ޕައުލް ޕޮގްބާ ވަނީ އެނބުރި ޔުވެންޓަސް އަށް ދާން ބޭނުންވާ ކަމަށް ބުނެފައެވެ. މަޖުބޫރު ވެގެން ޔުނައިޓެޑުގެ ޕްރީ ސީޒަން ޓުއާގައި ޕޮގްބާ ބައިވެރިވެފައި ވާއިރު، އޭނާ އާއި ލިންގާޑު ވަނީ ތަމްރީންތަކު ތެރެއިން އަރާރުންވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު