"ޔޫތް ސިޓީ ފުޓްސަލް ކަޕް" ގެ ނަމުގައި މުބާރާތެއް ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާއީ އަދި ކުޅިވަރުގެ ރޫހު އާލާ ކުރުމުގެ މަގުސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

ހުޅުމާލޭގައި އަންނަ މަހުގެ 20 ވަނަ ދުވަހު ފަށާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ފޯމު ބަލައިގަތުން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހާއި ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 3:00 އަށް އެޗްޑީސީގެ މައި އޮފީހުގެ ރިސެޕްޝަނުންނެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ޑިވިޜަން ވަކިން ކަމަށްވާއިރު މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް އެޗްޑީސީ އިން ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. އަންހެން ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 75،000 ރުފިޔާއެވެ.

މުބާރާތުގެ ފިރިހެން ރަނަރަޕް ޓީމަށް 50،000 ރުފިޔާ ހުށަހަޅާފައިވާއިރު އަންހެން ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 37،000 ރުފިޔާއެވެ. އަދި ފިރިހެން ފެއާޕްލޭ ޓީމަށް 25،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު އަންހެން ފެއާޕްލޭ ޓީމަށް ދިނުމަށް ނިންމާފައިވަނީ 20،000 ރުފިޔާއެވެ.