ރެއަލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ސްޓްރައިކާ ގެރެތް ބޭލް އެ ކްލަބު ދޫކޮށްލުމަށް ވިސްނަން ފަށައިފިއެވެ.

2013 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއަލްއަށް ބަދަލުވި ބޭލް އެ ކްލަބު ދޫކޮށްލަން ބޭނުން ވެފައި މިވަނީ މީގެ ކުރިން އެ ކްލަބު ދޫކޮށްލަން ބޭނުން ނުވާ ކަމަށް އެތައް ފަހަރެއްގެ މަތިން ބުނުމަށް ފަހުގައެވެ.

ބޭލްގެ ވިސްނުން ކުއްލި އަކަށް ބަދަލުވެފައި މިވަނީ އެ ކްލަބުގެ ކޯޗު ޒައިނެއްދީން ޒިދާން ދާދި ފަހުން ދިން ނޫސްވެރިންގެ ބައްދަލު ވުމެއްގައި ބޭލް ބޭނުން ނުވާ ކަމަށާއި، އޭނާ އެހެން ކްލަބަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައި ވަނިކޮށެވެ. އަދި މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ޒިދާން ވަނީ ބޭލް ބޭކާރު ކޮށް ވާހަކަ ދައްކައިފައިކަން ފާހަގަކޮށްލެވެއެވެ.

ބެލެވޭ ގޮތުގައި ބޭލް އަށް މިކަންތަކަށް ކެތް ނުކުރެވުނީއެވެ.

މި ޚަބަރާއި އެކު ޗައިނާގެ ދެ ކްލަބަކުން ވަނީ ބޭލް ހޯދަން އަނެއްކާވެސް މަސައްކަތް ފަށައިފައެވެ. އެތަނުން އެއް ކްލަބު އޮތީ އޭނާއަށް ހަފްތާ އެއްގެ މައްޗަށް އެއް މިލިއަން ޕައުންޑު ދީ، ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ އަށް ހެދުމަށް ތައްޔާރަށެވެ.

މިކަމާއި ގުޅިގެން ލަލީގާގެ މާހިރުން ބުނެފައި ވަނީ ބޭލް ޗައިނާގެ ކްލަބަކަށް ދިއުން ބުއްދިވެރި ނޫން ކަމަށާއި، އޭނާ ގުޅުން ރަނގަޅު ވާނީ މަތީ ފަންތީގެ ފުޓުބޯޅަ ކުޅޭ ކްލަބަކަށް ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބޭލްވެސް ޗައިނާ އަށް ދާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް، އެއީ ނުވާނޭ ކަމެކޭ ނުބުނެވޭނެއެވެ.