1979ވަނަ އަހަރު އުފެދުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އޮފިޝަލެއްގެ ގޮތުގައާއި ސަޕޯޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ އަލީ މުހައްމަދު (އައްޔަ) ނިޔާވެއްޖެއެވެ.

ނިއުރޭޑިއަންޓް އުފެދުނީއްސުރެން އެ ކްލަބުގެ އެންމެ ވަރުގަދަ އެއް ސަޕޯޓަރުގެ ގޮތުގައި މަޝްހޫރު ވެފައިވާ އައްޔައަކީ އެ ކްލަބުން ކުޅޭ ހުރިހާ މެޗެއް ކަހަލަ ގޮތަކަށް ބަލައި، ސަޕޯޓު ކުރަމުން އައި މީހެއްކަން ފާހަގަކޮށްލެވެއެވެ.

ކަސްޓަމްސްގައި އައްޔަ މަސައްކަތް ކުރަން ފެށި ފަހުން ނިއުއާ ކުޑަކޮށް ދުރަށް ޖެހިލި ނަމަވެސް، އޭނާއަށް ވަގުތު ވާ ވަރަކުން ނިއުގެ އެކި ކަންކަމުގައި ބައިވެރިވެ، އެހީތެރިވަމުން ގެންގޮސްފައި ވާއިރު، އެއް ދުވަސްވަރު އޭނާ ވަނީ އެ ކްލަބުގެ ފަސްޓް އެއިޑް އެއްގެ ގޮތުންވެސް މަސައްކަތް ކޮށްދީފައެވެ.

ރޭ ފަތިހުގެ ވަގުތެއްގައި އުމުރުން 52 އަހަރުގައި އައްޔަ ނިޔާވެފައި މިވަނީ ފާއިތުވެދިޔަ 3 ވަރަކަށް ދުވަސް ބަލިވެ އުޅުމަށް ފަހު ކަމުގައި ވާއިރު، އޭނާ ނިޔާވިކަން އެނގުނީ ފަތިހު ހޭނުލައިގެން ބެލުމުންނެވެ.

ހއ. ބާރަށަށް ނިސްބަތްވާ އައްޔަ ނިއުރޭޑިއަންޓަށް ހިދުމަތް ކޮށްދީފައި ވަނީ އެއްވެސް އަގަކާއި ނުލައެވެ. އައްޔަގެ މައްޗައް ކުރެވޭ ކަށު ނަމާދު މިރޭގެ މަޣުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. އައްޔަގެ ހަނދާންތައް ނިއުގެ މެޗުތައް ބަލަން ގަވާއިދުން ގަލޮޅު ދަނޑަށް ދާ ކޮންމެ މީހަކަށް ވެސް ކުރެވޭނޭ ކަން ޔަގީނެވެ.