ޗެލްސީގެ ކޯޗުކަމުގެ މަގާމު ގެއްލިދާނެތީ ކަންބޮޑުނުވާ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ޕްރިމިއަރ ލީގުގައި ރޭ ޓޮޓެންހަމް އަތުން 1-3 އިން ޗެލްސީ ބަލިވެފައިވާއިރު ލީގުގެ ގަދަ ހަތެރަކަށް އެރުމަށް އެޓީމު ކުރަމުން އަންނަ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. އެގޮތުން ލީގުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އާއި ޗެލްސީ އާއި ދެމެދު މިވަގުތު އަށް ޕޮއިންޓުގެ ފަރަގެއް އެބައިނެވެ.

ލީގުގެ ފަސްވަނައިގައި ޗެލްސީ މިވަގުތު އޮތްއިރު ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެނަމަ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އެޓީމަށް ނުލިބޭނެއެވެ.

ރޭގެ މެޗުން ބަލިވުމާ އެކު ކޮންޓޭ އަށް އިތުރު ޕްރެޝަރެއް ކުރިމަތިވެފައިވާއިރު މި ސީޒަނަށްފަހު ޗެލްސީގެ ކޯޗުކަމުގެ މަގާމުން ކޮންޓޭ ފެނިދާނެ ކަމާމެދު މިހާރު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިގެން ގޮސްފައެވެ.

މި ވާހަކަތަކާ ގުޅިގެން ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ކޮންޓޭ ބުނީ މަގާމު ގެއްލިދާނެތީ ކަންބޮޑު ނުވާ ކަމަށާއި އެއީ ކްލަބުން ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.

"އަހަރެންގެ ޒިންމާ އަކީ މަސައްކަތް ކުރުން. އަހަންނާއި އަހަރެންގެ ސްޓާފުން 24 ގަޑިއިރު ވަންދެން ޗެލްސީގައި މަސައްކަތް ކުރަން. އެއީ އަހަރުމެންގެ ޒިންމާ އަކީ. އަހަރެންގެ މަގާމާ މެދު ގޮތެއް ނިންމުމަކީ އެއީ ކްލަބުގެ ކަމެއް. އެކަމާ އަހަރެން ކަންބޮޑެއް ނުވޭ" ކޮންޓޭ ބުންޏެވެ.

ގަދަ ހަތަރެކަށް އެރުމުގެ ފުރުސަތު ޗެލްސީ އަށް ހަނިވެފައިވީ ނަމަވެސް ކޮންޓޭ ވަނީ އެކަން ހާސިލުކުރުމަށް އެންމެފަހު ވަގުތާ ޖެހެންދެން ވެސް ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

"ރޭގެ މެޗަކީ އަހަރުމެންނަށް ވުރެ ކުރީގަ ތިބި ޓީމުތަކާއި ފަރަގު ކުޑަކޮށްލަން ލިބުނު ރަނގަޅު ފުރުސަތެއް. އެ ފުރުސަތުގެ ބޭނުން ނުހިފުނަސް ޗެމްޕިއަންސް ލީގުގެ މަގާމަކަށް އެންމެފަހު ވަގުތާ ޖެހެންދެން ވާނެ މަސައްކަތް ކުރަން. މި ނުވާނެ ފަސޭހަ މަސައްކަތަކަށް. އެކަން އަހަރުމެންނަށް ވެސް އިނގޭ" ކޮންޓޭ ބުންޏެވެ.

ރޭގެ މެޗުން ޓޮޓެންހަމް މޮޅުވިއިރު މިއީ 1990 ވަނަ އަހަރަށްފަހު ޗެލްސީގެ ދަނޑުގައި ކުޅެ، ޗެލްސީގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ލީގުގައި ޗެލްސީ އިން ދެން ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަޒާޑް

    މަޤާމެއްގަ ހުންނައިރު އެމަޤާމް ގެއްލިދާނެކަމުގެ ބިރު އެމީހަކަށް ނޯންނަ ނަމަ މަސްޢޫލިއްޔަތު އަދާކުރުމުގައި އެމީހަކު ފަރުވާކުޑަކުރާނެކަމީ ޝައްކެއް އޮތްކަމެއް ނޫން