އިނގިރޭސި ޓްރާންސްފާ މާކެޓް ބަންދުވުމަށް ކުޑައިރުކޮޅަކަށް ވެފައިވާއިރު، މިއަދަކީ ގިނަ ޓްރާންސްފާތަކެއް ހިނގަމުންދާ ދުވަހެކެވެ. ހާއްސަކޮށް ކްލަބުތަކަށް ގެންނަން ޖެހޭ ކުޅުންތެރިން މިއަދު ގެނެސް ނިންމަން ޖެހޭއިރު، ޓްރާންސްފާ މާކެޓް އިނގިރޭސިވިލާތަށް ބަންދުވުމާއެކު ދެން ހަމައެކަނި ކުޅުންތެރިން ވިއްކޭނީއެވެ. ކްލަބުތަކަށް ކުޅުންތެރިން ވިއްކޭނީ އެހެން ލީގުތަކުގެ ޓްރާންސްފާ މާކެޓް ބަންދުވުމާ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ސީޒަންގައި ކުޅުނު ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫ ވަނީ މިއަދު އޭނާގެ ޓްރާންސްފާވެސް ނިންމާފައެވެ. ސީޒަން ބްރޭކަށްފަހު ލުކާކޫ ތަމްރީނު ހަދަމުންދިޔައީވެސް އަމިއްލަ ގައުމުގައެވެ. ޔުނައިޓެޑްގެ ތަމްރީނުތަކާ ގުޅެން ޖެހޭ ދުވަހު ނުގުޅުމުގެ ސަބަބުން އޭނާއަށް ވަނީ ޖޫރިމަނާއެއްވެސް އައިސްފައެވެ.

74 މިލިއަން ޕައުންޑްގެ އަގަކަށް ލުކާކޫ އިންޓައާ ގުޅުނު ކަމަށް އެ ކްލަބުން އިއުލާން ކޮށްފައިވާއިރު، އޭނާ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އުމުރުން 26 އަހަރުގެ ލުކާކޫ ވަނީ ޔުނައިޓެޑަށް އޭނާ ކުޅުނު 96 މެޗުގައި 42 ގޯލް ޖަހާފަައެވެ. އެވަޓަންއިން 75 މިލިއަން ޕައުންޑްގެ އަގަކަށް ލުކާކޫ ޔުނައިޓެޑަށް ބަދަލުވީ މީގެ ދެ ސީޒަން ކުރިންނެވެ. ޔުނައިޓެޑާ ގުޅުނުފަހުން ލުކާކޫއަށް އޭނާގެ ކުރީގެ ފޯމުގައި ކުޅެވިފައެއް ނުވެއެވެ.

ލުކާކޫއަކީ މިހާތަނަށް ސެރެއާ އޭގެ ކްލަބަކަށް ގެންދިޔަ ތިންވަނައަކަށް އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ޔުވެންޓަސްއިން ރޮނާލްޑޯ 99. 2 މިލިއަން ޕައުންޑަށް ގެންދިޔައިރު، ހިގުއައިން އެ ކްލަބަށް ގެންދިޔައީ 75.3 މިލިއަން ޕައުންޑަށެވެ.