އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މިޑްފިލްޑަރު ޕައުލް ޕޮގްބާ މި ޓްރާންސްފާ މާކެޓުގައި އެ ކްލަބު ދޫކޮށްލަން އުޅުމަށް ފަހު އެކަން ކާމިޔާބު ނުވުމުން ޔުނައިޓެޑު ދެކެ ލޯބިވާ މިންވަރާއި އެ ކްލަބަކީ އޭނާ އަށް ކިޔައި މުހިއްމު ކްލަބެއް ކަން ހާމަ ކޮށްފިއެވެ.

ރެއަލް މެޑްރިޑާއި ޕޮގްބާގެ ކުރީގެ ކްލަބު ޔުވެންޓަސް އިން އޭނާ ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ. ޔޫރޮޕްގެ ޓްރާންސްފާ މާކެޓު އަދިވެސް ހުޅުވިފައި އޮތް ނަމަވެސް، ޕޮގްބާ އަށް އެހެން ކްލަބަކަށް ދެވޭނޭ ކަމާއި މެދު ފުޓްބޯޅަ މާހިރުން މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެޑިޑާސް އާއި ގުޅިގެން ޔުނައިޓެޑުން ހަދާ "ފެބްރިކް އޮފް ފުޓްބޯލް" ވީޑިއޯ ގައި ވާހަކަ ދައްކަމުން ޕޮގްބާ ބުނެފައި ވަނީ ޔުނައިޓެޑުގައި ނުވާނެ އެއްވެސް ކަމެއް ނޯންނާނޭ ކަމަށާއި، އެ ކްލަބުގެ ޖާޒީ ލުން އެއީ ހާއްސަ ކަމެއް ލިބިގެން ދާ ކަމެއް ކަމަށެވެ.

މީގެ ކުރިން އެޑިޑާސް އިން ރެއަލް މެޑްރިޑުގެ ކުޅުންތެރިން ލައްވައި ކުޅެފައިވާ މި ވީޑިއޯގައި ޕޮގްބާ މިހެން ބުނެފައި ވަނީ އޭނާ ބޭނުން ވެގެން ކަން ޔަގީން ވެފައި ނުވި ނަމަވެސް، އޭނާ އެ ކްލަބުގައި މަޑު ކުރާ ނަމަ، ސަޕޯޓަރުންގެ ލޯބި ބޭނުންވާނެއެވެ. އެހެންކަމުން، އޭނާ އެކަން ކުރީ ސަޕޯޓަރުން ރުއްސަން ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.