އއ. މަތިވެރީގައި ކުރިއަށް ގެންދާ ރައުޗް ހެޕީ މާކެޓް ޔޫއެސްސީ ފުޓްސަލް ކަޕްގެ ސެމީ ފައިނަލްގައި ކުޅޭނެ ޓީމުތައް ޔަގީން ވެއްޖެއެވެ.

މަތިވެރީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫއެސްސީ ފުޓްސަލް ކަޕްގެ ސެމީން މިފަހަރު ފުރުސަތު ހޯދީ އާރްބީޖީ އާއި އެފްޓީ ވޭލިއެންޓްގެ އިތުރުން މާންސް އާއި ރޯޔަލް ނައިޓްސްއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް އިންތިހާއަށް ފޯރިގަދަކޮށް ފެނުނުއިރު، ފަހު މެޗުތަކުގެ ނަތީޖާތަކަށް އިންތިޒާރު ކުރަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ބޮޑުފޮޅަދޫ އަށް ނިސްބަތްވާ އާރްބީޖީއެވެ. އެޓީމު ސެމީއަށް ދަތުރުކުރީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެގެންނެވެ.

ގްރޫޕްގެ ދެވަނަ ޓީމު ގޮތުގައި ސެމީއަށް ދަތުރުކުރީ ވޭލިއަންޓެވެ. ގްރޫޕް ބީގެ އެއްވަނަ ލިބުނީ މެޗަކުން ބަލިނުވެ، ތިން މޮޅާއެކު ގްރޫޕް ސްޓޭޖު ނިންމާލި މަރންސްއެވެ. ގްރޫޕްގެ ދެވަނައަށް ދިޔައީ ރޯޔަލް ނައިޓްސްއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗްވެސް ކުމިރޭ އޮންނާނެއެވެ. މަތިވެރީ ފުޓްސަލް ސްޓޭޑިއަމްގައި މިރޭ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އާރްބީޖީ އާއި ރޯޔަލް ނައިޓްސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ މާންސް އެފްޓީ ވޭލިއެންޓެއެވެ.

ޔޫނިއަން ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ހެޕީ މާކެޓެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ މަތިވެރީ ފުޓްސަލް ދަނޑުގައެވެ.

ޗެމްޕިއަން ޓީމަށް 30،500 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހެޅިފައެވެ. އެ މުބާރާތަކީ މަތިވެރީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.