ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން ދޫކޮށް ސްޕެއިން ބާސެލޯނާ އަށް އެނބުރި އައުމަށްޓަކައި ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ ވަރަށް މަސަތްކަތްކުރި ކަމަށް ނޭމާގެ ރަހުމަތްތެރިއާ އަދި ބާސާގެ ފޯވަޑް ލުއިސް ސުއަރޭޒް ބުނެފި އެވެ.

އާޖެންޓީނާގެ ފޮކްސް ރޭޑިއޯ އަށް މައުލޫމާތުދެމުން ސުއަރޭޒް ބުނީ މިފަހަރުގެ ޓްރާންސްފާ ބާޒާރު ނިމެންދެންވެސް ނޭމާ ވަނީ ބާސާ އަށް އެނބުރި އަަންނަން އޭނާ އަށްވީ ވަރެއް ކޮށްފައި ކަމަށާއި ނޭމާ ހުރީ އަލުން ބާސާ ޖާޒީގައި ކުޅެލަން ކެތްމަދުވެފައިވާ ކަމަށެވެ. ސުއަރޭޒް ބުނީ ނޭމާގެ ޓްރާންސްފާ އާއި ބެހޭގޮތުން އެ ދެމީހުން ވަރަށް ވާހަަކަ ދައްކައި ހެދި ކަމަށާއި ބާސެލޯނާ އަށް ވުރެ ނޭމާ އަށް ވަކި ރަނގަޅު ކްލަބެއް ދުނިޔޭގައި ދެން ނެތް ކަމަށެވެ.

'' ނޭމާ ބާސާ އަށް އަންނަން ވަރަށް ބޭނުންވެފައި ހުރީ. އޭނާ ވަނީ އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ދެ ކްލަބާއި ދެމެދު އެއްބަސްވުން ހެދޭތޯ ވަރަށް މަސަތްކަތްކޮށްފައި. އަހަރެމެން ދެމީހުން އޭނަގެ އެނބުރި އައުމާއި މެދު ވަރަށް ވާހަކަދައްކާ ހެދިން. ނޭމާ ކައިރީ އަބަދުވެސް އަހަރެން ދިޔައީ ކިޔަމުން އޭނާ އަށް ބާސާ އަށްވުރެ ރަނގަޅު ކްލަބް އެއް ނެތޭ ވެސް. އަކަމަކު ކޮންމެހެން އަހަރެމެން ބުނެގެނެއް ނުން ނޭމާ ބާސާ އަށް އަންނަން އުޅުނީ. އޭނާގެ ނިންމުމެއް އެއީ،'' ސުއަރޭޒް ބުންޏެވެ.

ނޭމާ ހޯދުމަށްޓަކައި ސްޕެއިންގެ ގަދަ ދެބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް ވަނީ މަސަތްކަތްކޮށްފަ އެވެ. އެގޮތުން ބާސާ އިން ވަނީ ތަފާތު 3 ބިޑެއް ޕީއެސްޖީ އަށް ހުށަހަޅައިފަ އެވެ. ޓްރާންސްފާ ބާޒާރު ނިމެންކައިރި ވެފައި ވަނިކޮށް ނޭމާގެ އަމިއްލަ ޖީބުން 17 މިލިއަނެއްހާ ޕައުންޑް ލައިގެން ބާސާ އިން 140 މިލިއަން ޕައުންޑާއި އިތުރު ދެ ކުޅުންތެރިންދޭ ގޮތަށް ހުށަހެޅި ބިޑަށްވެސް ޕީއެސްޖީން ދިނީ ބީރު ކަންފަތެކެވެ.

ބްރެޒިލްގެ ސަންތޯސް އިން ވިދާލުމަށްފަހު ޔޫރަޕަށް އައިސް ބާސެލޯނާގައި ހޭދަކުރި ދުވަސްތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ނޭމާ ވަނީ މެސީ އާއި ރޮނާލްޑޯގެ ފަހަތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ. 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ބާސާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރުމަށްފަހު ދުނިޔޭގެ ރެކޯޑު އަގަކަށް ނޭމާ ޕީއެސްޖީ އަށް ބަދަލުވީ 2017 ވަނަ އަހަރުގަ އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 200 މިލިއަން ޕައުންޑްގެ ބޮޑު ޓްރާންސްފާ ފީއެއްގައި ނޭމާ ބާސާ ދޫކޮށްލީ އެއިރުގެ ޓީމްމޭޓް ލިއޮނެލް މެސީގެ ހިޔަނިން ސަލާމަތްވުމަށެވެ. ފްރާންސްގެ ކްލަބްގައި ނޭމާ ހޭދަކުރީ އެންމެ އުފާވެރި ދުވަސްތަކެކޭ ބުނެވޭކަށް ނެތެވެ. ޕީއެސްޖީއަށް ބަދަލުވުމާއި ހިސާބުން ނޭމާ އަށް އަނިޔާގެ އެކިއެކި މައްސަލަތަކާއި ކުރިމަތިވާން ފެށިއިރު އޭނާގެ އަޚްލާގީ އެތައް މައްސަލަތަކެއް ކުޅިވަރުގެ ސުރުޚީތަކުގައި ލިޔެވެން ފެށުނެވެ. އަނިޔާގެ ސަބަބުން މިއަހަރުގެ ކޮޕާ އެމެރިކާވެސް ނޭމާ އަށް ގެއްލުނުކަން ފާހަގަކޮށްލެވެ އެވެ.